ފުރުސަތަކަކީ ބައެއް ފަހަރު އުފައްދާ އެއްޗެކެވެ. ފުރުސަތު އުފައްދައި ކުރިއަރަން މަސައްކަތް ކުރާއިރު، އެކަމުގައި ނުރައްކަލެއް ދިމާވުމީ އެކަށީގެންވާ ކަމެކެވެ. ވީމާ އެކަން ދެނެގަނެ އިހްލާސްތެރި މަސައްކަތެއް ކުރުމަކީ އެ އުފެއްދި ފުރުސަތުގައި ކާމިޔާބު ހޯދުމަށް އެންމެ ރަނގަޅު ގޮތެވެ. މިޒުވާނާ ދެކޭ ގޮތަކީ ވެސް އެއީ އެވެ.
އދ. މަންދޫއަށް އުފަން، އެރަށު އައްސޭރި، ހުސެން ޝާއިފް ޝަރީފް (ޝާއިފް)އަކީ އަބަދު ވެސް އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ޒުވާނެކެވެ. އޭނާ ދެކޭ ގޮތުގައި ކުރިއެރުމަށް ފުރުސަތެއް ލިބޭ ވަގުތު، އެ ފުރުސަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ކަމެއް ފެށުމަށް ރަނގަޅު ވަގުތަކަށް މަޑުކުރާ ނަމަ، އެއީ އަންނާނެ ދުވަހެއް ނޫން ކަމަށް އޭނާ ގަބޫލު ކުރާތީ އެވެ. އަދި ފުރުސަތު ހޯދައިގެން ނަމަވެސް ކުރަން ބޭނުންވާ ކަމެއް ފަށައިގަތުމަކީ ކާމިޔާބާ ހަމައަށް ވާސިލްވުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް އޭނާއަށް ޔަގީން ކުރެވޭތީ އެވެ.
ޝާއިފްއަށް ވިޔަފާރިއެއް ފެށުމުގެ ވިސްނުން އުފެދުނީ އޭނާ އެންމެ ފުރަތަމަ ޕާޓްޓައިމް މަސައްކަތްކުރި ދުވަސްވަރެވެ. އެއީ ހިރިޔާ ސްކޫލުން 2020 ގައި އޯލެވެލް ފުރިހަމަ ކުރުމަށް ފަހު، އޭލެވެލްއަށް ކިޔަވަން ފެށުމުގެ ކުރިން "ފްލޯރާ ގްރޭންޑް" ކިޔާ ގަހާ މަލުގެ ވިޔަފާރި ކުރާ ފިހާރައެއްގައި ވަޒީފާ އަދާކުރި އިރެވެ.
"އަޅުގަނޑު އަބަދުވެސް ވަރަށް ކްރިއޭޓިވް މަސައްކަތް ކުރާހިތްވޭ. އެހެންވެ ފެމެލީ އަދި ރައްޓެހި ކުދިންގެ އުފަން ދުވަސް ދުވަހު ޑެކޮރޭޓިވް އެއްޗެހި، މިސާލަކަށް ފްލާވާ ބޮކޭ ނުވަތަ ބެކް ޑްރޮޕް ކަހަލަ އެއްޗެހި ހަދާދީ އުޅެން. އެހެން ހެދި ބެކް ޑްރޮޕެއް އެއްފަހަރަކު އިންސްޓަގްރާމްގެ ސްޓޯރީއަށް ލީމަ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ،" ޝާއިފް ބުންޏެވެ.
ޝާއިފް މި ހުނަރުވެރި މަސައްކަތް ދަސްކުރީ ޕިންޓްރެސްޓް ބަލަގެން ކަމަށް އޭނާ ބުންޏެވެ. ޕިންޓްރެސްޓް ގައިވާ މަސައްކަތް ބަލައި، އޭގައިވާ މައުލޫމަތުގެ އަލީގައި އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ. މި މަސައްކަތުގައި އޭނާގެ އާއިލާ، ގާތް ރައްޓެހިން އަދި ހާސްކޮށް އޭނާގެ މަންމަ އާއި ބައްޕަ، އަދި ދެ ދައްތަގެ އިތުރުން އަންޖީގެ އެހީތެރިކަން ލިބޭ ކަމަށް އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ.
"މަންމަ ހުންނާނެ ކައިރީގައި ކޮންމެ އެއްޗެއް ހެދިނަމަ ވެސް. އަޅުގަނޑުގެ ދެ ދައްތަ ވެސް ޑިއުޓީގެ ވަގުތު ނޫނިއްޔާ ހެލްޕް ވެދޭނެ. ފެމެލީ އެންމެން ވެސް ހަމަ ހުރިހާކަމެއްގަ ވެސް ހެލްޕް ވެދޭނެ،" ޝާއިފް ބުންޏެވެ.
ރަނގަޅު ކޮމެންޓް ތަކުން އިތުރަށް ހިތްހަމަޖެހުނު
އޭނާގެ މަސައްކަތުގައި އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެން ދިޔައީ، މީހުންގެ ފަރާތުން އޭނާގެ މަސައްކަތަށް ތައުރީފްކޮށް ލިބުނު ކޮމެންޓްތަކުގެ ސަބަބުން ކަމުގައި އޭނާ ބުންޏެވެ. އޭގެ އިތުރުން ރަނގަޅު ކޮށްލަން ޖެހޭކަމެއް އިނަސް އެކަމެއް ފާހަގަކޮށް ބުނެލުމަކީ އޭނާގެ މަސައްކަތް އިތުރަށް ފުރިހަމަ ކޮށްލުމަށް ލިބޭ ހިތްވަރެއް ކަމުގައި އޭނާ ދެކެ އެވެ.
އެފަދަ ބަސްތަކުގެ ސަބަބުން އެ މަސައްކަތް އިތުރަށް ކުރަމުން ގެންދިއުމުގެ އަޒުމު ވަރުގަދަ ވެގެން ދިޔަ އެވެ. އޭރު ބެކް ޑްރޮޕްއާ ސެންޓާ ޕީސް އޭނާ ހަދާ އުޅުނީ އެކި މާމެލާމެއްޔާއި އަދި ތަފާތު މެވާ ބޭނުންކޮށްގެނެވެ.
އޭލެވެލް ނިމުމަށް ފަހު، އިމާރާތް ކުރުމަށް ބޭނުންކުރާ ޓިމްބާ، ޕްލައިވުޑް އަދި ސްޓީލް ބާ ވިއްކާ "އީގޯ ޓިމްބާ"ގެ ސޭލްސް ރިޕްރެސެންޓޭޓިވް އެއްގެ ވަޒީފާ އޭނާ އަދާކުރަން ފެށި އެވެ.
މިއަދު ޝާއިފްއަކީ އެތަނުގެ ސީނައާ ސޭލްސް މެނެޖާ އެކެވެ. މަސައްކަތުގެ ގަޑިއަކީ ހެނދުނު އަށަކުން ހަވީރު ހަޔަކަށް ކަމުގައި ވުމުން އިތުރު މަސައްކަތަކަށް ވަގުތު ދިނުމަށް އުނދަގޫވި އެވެ. އެހެން ކަމުން އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ވިސްނުމާ އޭރު ދުރަށްޖެހިލި އެވެ. އެހެން ނަމަވެސް ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑަށް އެހީތެރިވާ ޝާއިފްގެ ދެ ދައްތަ އޭނާ އަމިއްލަ މަސައްކަތެއް ފެށުމަށް ހިތްވަރު ދެމުންދިޔަ އެވެ.
"އެއްދުވަހަކު ދައްތަމެންނާ ދެކެވުނު ވާހަކައެއްގެ ތެރޭގައި އެވާހަކަ ނެގުނު. އަމިއްލަ ބިޒްނަސް ފެށުމަށް އެ ދުވަހު ވެސް ވަރަށް ހިތްވަރު ދިން. އެއާއެކު ހަމަ މަސައްކަތް ފެށީ. މިއަދު އަޅުގަނޑަށް މަސައްކަތުގައި މި ދެމި ހުރެވެނީ އަޅުގަނޑު ވަޒީ އަދާކުރާ އީގޯ ޓިމްބާގެ ޖެނެރަލް މެނޭޖާ އާއި އަދި އެއްކޮށް މަސައްކަތް ކުރާ މުއައްޒަފުން އެކަމަށް ތަރުހީބު ދޭތީ،" ޝާއިފް ބުންޏެވެ.
އޭނާގެ ބިޒްނަސް ފެށުމަށްޓަކައި އޭނާ ބޮޑަށް ވިސްނީ ވެޑިން ބޮކޭ ނުވަތަ ބްރައިޑަލް ބޮކޭ ހެދުމަށެވެ. ކަންދިމާކުރި ގޮތުން އެދުވަސްވަރު ދިމާވީ އޭނާގެ ދައްތަ އާއި ދެބެންގެ ދެދަރި ފިރިހެން ކުއްޖަކު ކައިވެނި ކުރަން ކައިރި ވެފައިވާ ދުވަސްވަރަކާ އެވެ.
ވީމާ ފުރަތަމަ އަވަސްވެގަތީ އެ ދެމީހުންގެ ކައިވެނީގެ ރަނާއި ބްރައިޑަލް ބޮކޭ ހަދައި ދިނުމަށެވެ. އެ މަސައްކަތް ކުރުމަށް ފަހު، ފޮޓޯނަގައި "ހައުސް އޮފް ސްޓެމްސް"ގެ ނަމުގައި ސޯޝަލް މީޑިއާ ޕޭޖެއް ހަދައި، އެ ޕޭޖްގައި އޭނާގެ މަސައްކަތް ދައްކައި އާންމުކުރި އެވެ.
މަސައްކަތުގައި އޭނާ ފުރަތަމަ ގުދުރަތީ މާ ބޭނުން ކުރި ނަމަވެސް އޭރު ބަޖެޓްކުރަން ވިސްނައި ޓީމޫއިން ޕްލާޓިކް މާގެނުވައިގެން އޭނާގެ މަސައްކަތުގައި ބޭނުންކުރި އެވެ.
"އޭރު ރައްޓެހިން ބުނެގެން ބޮކޭ ހަދައިދެން އަދި ފޮޓޯ ނަގާ ޕޯސްޓު ކުރުމުން ވަރަށް ބޮޑަށް ތަރުހީބު ލިބޭ. ދުވަހަކު ވެސް ހީނުކުރާހާ އަވަހަށް މީހުން ފޮލޯ ވެސް ކުރަން ފެށި. އަޅުގަނޑުގެ އުފެއްދުންތައް ވަރަށް ރީތިކަމަށް ގިނަ ބަޔަކު މެސެޖްކޮށްފައި ބުނަން ފެށި. އޭގެ ތެރޭގައި ކްލަޔަންޓުން ނޫން ފަރާތްތައް ވެސް ހިމެނޭކަން ވަރަށް އުފަލާއެކު ފާހަގަ ކުރަން،" ޝާއިފް ބުންޏެވެ.
ޝާއިފްގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކީ ވެޑިން ޑްރެސް އާޓިސްޓެއް ކަމަށްވާ ބަލްގިސް އަދި ވެޑިންގް ވީޑިއޯ ގްރަފާ ޝާރިގް އޭނާގެ ދައްތަމެންގެ ކައިވެނި ޕާޓީއިން ދިމާވުމަށް ފަހު އެވެ. އެ ދެމީހުން ދިމާވެގެން ޝާއިފްގެ މަސައްކަތައް ވަރަށް ތައުރީފްކޮށް އެ މީހުންގެ ޕޭޖްގައި ޝާއިފްގެ މަސައްކަތް ޕްރޮމޯޓް ކޮށްދިންކަން މިއަދު ވެސް ވަރަށް ޝުކުރުވެރި ކަމާއެކު އޭނާ ފާހަގަކުރި އެވެ.
އޭނާ މަސައްކަތް ކުރަނީ އަމިއްލަ ގޭގަ އެވެ. ވީމާ ޖާގައިގެ ދަތިކަމާ ހުރެ ދުރާލާ "ބަލްކް" ކޮށް ތަކެތި ހޯދާފައި ބެހެއްޓުމަށް ދަތިވުމަކީ މިވަގުތު މި މަސައްކަތުގައި ހުރި ހަމައެކަނި ގޮންޖެހުންކަން އޭނާ ފާހަގަ ކުރި އެވެ.
މިހާތަނަށް އަދި އެއްވެސް އިވެންޓެއްގައި ރަސްމީކޮށް ބައިވެރިވެފައި ނުވި ނަމަވެސް، އޭނާ ގެންދަނީ ރާއްޖޭގެ މަޝްހޫރު ވެޑިން ޑްރެސް އަދި ސޫޓްސް ފަހާ ބަޔަކާ އެކީ މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. ކުރިއަށް އޮތް އަހަރުގެ ފަންނުވެރިންގެ އެކްސްޕޯގައި އޭނާގެ އުފެއްދުމެއް ބައިވެރިކުރުމަކީ ވެސް އޭނާގެ ވިސްނުމެވެ.
ކިތަންމެ ކުޑަކޮށް ފެށި ނަމަވެސް ހައުސް އޮފް ސްޓެމްސްގެ މަސައްކަތް އިތުރު ހަރުފަތްތަކަށް ގެންދިއުމަކީ އޭނާގެ އުންމީދެކެވެ. އެގޮތުން ކުރިއަށް އޮތް ތާނގައި ފިހާރައެއް ހުޅުވައި ވެޑިން އާ ބެހޭ ހުރިހާ މަސައްކަތެއް އެއްފުރާޅެއްގެ ދަށުން، ޝާއިފް އިސްކޮށް ހުރެ ފޯރުކޮށްދިނުމަކީ އޭނާ ދެކޭ ހުވަފެނެކެވެ.
"ވެޑިން ބެކްޑްރޮޕް ވިއަސް ވެސް ޓޭބަލް ސެންޓާ ޕީސް ހެދުން ކަމުގައި ވިއަސް، ވެޑިން އާ ބެހޭ ހުރިހާ ކަމެއް ކުރެވޭނެ ދުވަހެއް އެންމެ ބޮޑަށް ދެކެން ބޭނުންވަނީ. މިދިޔަ މަހު ވެސް ރައްޓެއްސަކަށް ހުންނާނެ ބެކްޑްރޮޕެއް ހަދައިދީފައި. މުސްތަގުބަލުގައި ވެސް ހަދައިދޭން ބޭނުންވަނީ،" ޝާއިފް ބުންޏެވެ.
އޭނާގެ އަޒުމަކީ ހައުސް އޮފް ސްޓެމްސްގެ މަސައްކަތުގައި ތަފާތު ދެއްކުމެވެ. ރަނގަޅު ވަގުތު އަންނާނެ ކަމަށް ބިއްޖެހި ހުރުމުގެ ބަދަލުގައި ފުރުސަތު އުފެއްދުމާއި، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމެވެ.