މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް ހާލަތު މާލެ ސަރަހައްދުގައި އިތުރަށް ގޯސްވެފައިވާތީ މާލެ ސަރަހައްދު މި ހަފްތާގައި ފުރަބަންދު ކުރާނެ ކަމަށް ބައެއް މިޑިއާތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޒަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ފުރަބަންދު ކުރަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވާ ކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަން ސަރުކާރުން ދޮގެއް ނުކުރެ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު ހާލު ސީރިއަސް ވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކޮވިޑް ޖެހިގެން މިހާތަނަށް 120 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް މާލެ ސަރަހައްދުގައި އަޅާފަ އެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.