އެކި ގޮތްގޮތަށް ބިރުދައްކައި ނުފޫޒުފޯރުވައި މަޖުބޫރުކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް މުޅި ރާއްޖޭގައި ފަށައިފި އެވެ.
ސަރުކާރު ކުންފުނިތަކުގައި މިހާރު ޕީއެންސީއަށް ނުވަދެ ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައިގެން ވެސް މުވައްޒަފުން ދަނީ ވައްދަމުންނެވެ. އެގޮތުން ޕީއެންސީއަށް ނުވަދެއްޖެނަމަ ވަޒީފާއިން ވަކިވެދާނެ ކަމުގެ ބިރު އަންނަނީ ދައްކަމުންނެވެ.
"އަޅުގަނޑު މިއީ ދުވަހަކު ވެސް ޕާޓީއަކަށް ވަން މީހެއް ނޫން. އެކަމަކު އަޅުގަނޑަށް ގުޅާފަ ބުނީ ޕީއެންސީއަށް ނުވަދެއްޖެނަމަ ވަޒީފާއިން ވަކިވެދާނެއޭ. ބުއްދިވެރިގޮތަކީ އަވަހަށް ޕީއެންސީއަށް ވަނުމޭ،" ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު "ހުރިހާ"އަށް ކިޔައިދިނެވެ.
ފައިސާ ދީގެން ވެސް ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް އެބަދެ އެވެ. އެގޮތުން ވައްދާ ކޮންމެ މީހަކަށް 1000 ރުފިޔާގެ ރޭޓުން ބައެއް ޓީމުތަކުން އަންނަނީ ފައިސާ ދެމުންނެވެ.
މިހާރު ސަރުކާރުގެ ކުންފުނިތަކުން އިއުލާންކޮށްފައިވާ ވަޒީފާތަކަށް މީހުން ނެގުމުގެ ކުރިން ގިނަ މީހުން ޕާޓީއަށް ވައްދާ މީހަކަށް ވަޒީފާ ލިބޭނެ ކަމަށް ވެސް ވަޒީފާއަށް ކުރިމަތިލާފައި ތިބި ބައެއް މީހުންނަށް އެކި މީހުން މެދުވެރިކޮށް ދަނީ އަންގަމުންނެވެ.
"ދެން އިތުރުގޮތެއް ނެތްތާ ވަޒީފާ ބޭނުމިއްޔާ އެބަޖެހޭ ޕީއެންސީއަށް މެންބަރުން ހޯދައިދޭން. އެކަންކޮށްގެން ވެސް ބޭނުމީ ވަޒީފާ،" ވަޒީފާއެއް ނުލިބިގެން އުޅޭ ޒުވާނަކު ކިޔައިދިނެވެ.
އީފާސް މެދުވެރިކޮށް ޕީއެންސީއަށް މެންބަރުން އިތުރުކުރީ އެކި މީހުންގެ ނަމުގައި ސައްހަ ނޫން ފޯމްތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ. އީފާސް މެދުވެރިކޮށް ޕާޓީއަށް ވަންނަ އުސޫލު ތައާރަފްކުރުމުން މިހާރު ޕާޓީއަށް މައިގަނޑު ގޮތެއްގައި މީހުން އިތުރުކުރަނީ ބިރުދައްކައިގެންނާއި ފައިސާދީގެންނެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު މި އަހަރު ނިމުމުގެ ކުރިން 100،000އަށް އެރުވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
ގޭތެރޭގެ ކަންކަމާ ޝަކުވާ ކުރުމުގެ ހުއްދައެއް ނޯވޭ: ޝާހްރުކް ޚާން
ބަހުރޭނުގައި ހުރި އެމެރިކާގެ ރާޑަރު ސިސްޓަމަށް އީރާނުގެ ހަމަލާ
