މީހުންގެ ދިރިއުޅުމުގައި ކުރިމަތިވާ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ ބޮޑު ބައެއް ގުޅިފައިވަނީ ކުއްލިއަކަށް ދިމާވާ ބޮޑެތި މައްސަލަތަކަށް ވުރެ ބޮޑަށް، ކޮންމެ ދުވަހަކު ތަކުރާރުކުރެވޭ ނޭދެވޭ ވިސްނުންތަކާއި އާދަތަކާ ކަމަށް ދިރާސާތަކުންނާއި ހޯދުންތަކުން ދައްކައިފި އެވެ.

އިންސާނާ ހިތާމަކުރަން ޖެހެނީ ކަންކަން ހިނގާ ގޮތަކުން ނޫނެވެ. އެކަމަކު އެ ކަންކަމާމެދު އޭނާ ދެކޭ ގޮތުގެ ސަބަބުންނެވެ. އެގޮތުން، ދިރިއުޅުމުގެ އުފާވެރިކަމުގެ ބޮޑު ބައެއް ނަގާލާ މައިގަނޑު 11 އާދައެއް ވަނީ ފާހަގަކޮށްފަ އެވެ:

  1. ހަގީގަތް ޤަބޫލުނުކޮށް ކަންކަން ވާންވީ ގޮތާމެދު މާބޮޑަށް ވިސްނުން: ހަޔާތުގެ ކަންކަން ހިނގަން އެދޭގޮތާއި ހަގީގަތާ އަޅާކިޔައި މާޔޫސްވުމަކީ އުފާވެރިކަން ގެއްލޭ މައިގަނޑު ސަބަބު.
  2. މިހާރުގެ ވަގުތު އިންތިޒާރެއްގެ ގޮތުގައި ދުށުން: މުސްތަޤުބަލުގައި އަތުވެދާނެ އުފަލަކަށް ނުވަތަ ކާމިޔާބީއަކަށް އިންތިޒާރުކުރަމުން، މިހާރު ލިބިފައިވާ ވަގުތުތަކުގެ އަގު ވަޒަންނުކުރުން
  3. އަމިއްލަ ބާރުގައި ނުވާ ކަންކަން ކޮންޓްރޯލްކުރަން އުޅުން: އެހެން މީހުން ދެކޭ ގޮތާއި، މީހުންގެ ނިންމުންތައް ފަދަ އަމިއްލަ ބާރު ނުފޯރާ ކަންކަމާ މާބޮޑަށް ކަންބޮޑުވެ ވަގުތު ބޭކާރުކުރުން.
  4. އަމިއްލަ ނަފްސު އެހެން މީހުންނާ އަޅާކިޔުން: ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އެހެން މީހުންގެ ދިރިއުޅުމުގެ އެންމެ ފުރިހަމަ ވަގުތުތަކާ އަމިއްލަ ދިރިއުޅުން އަޅާކިޔުމަކީ އަބަދުވެސް އުނިކަމުގެ އިހުސާސް ގެނެސްދޭ ކަމެއް.
  5. މާޒީވެފައިވާ ކަންކަމާމެދު ތަކުރާރުކޮށް ވިސްނުން: ވެނިމިފައިވާ ކަންކަމާއި ކުރެވިފައިވާ މުއާމަލާތްތަކާމެދު އިތުރަށް ކުރެވޭނެ ކަމެއް ނެތްއިރުވެސް، އެކަންކަމާމެދު ތަކުރާރުކޮށް ސިކުނޑި ހާސްކުރުން.
  6. އެހެން މީހުންގެ ބަސްތަކަށް އަމިއްލަ މިޒާޖު ބިނާކުރުން: އެހެން މީހުންގެ ތައުރީފާއި ފާޑުކިޔުންތަކުގެ މައްޗަށް އަމިއްލަ އުފާވެރިކަން މުޅިން ދޫކޮށްލުމަކީ ހިތްހަމަޖެހުން ގެއްލޭ ކަމެއް.
  7. ނުބައި ހިޔާލުތަކާ ދެކޮޅަށް މާބޮޑަށް ހަނގުރާމަކުރުން: ހިތަށް އަރާ ނޭދެވޭ ވިސްނުންތަކާ މާބޮޑަށް ގަދައަޅައި ދެކޮޅުހެދުމުގެ ބަދަލުގައި، އެއީ ހަމައެކަނި ޚިޔާލެއްގެ ގޮތުގައި ދެކި ދޫކޮށްލަން ނޭނގުން.
  8. ލަނޑުދަނޑިތައް ހާސިލްވަންދެން ހިތްހަމަޖެހުން ފަސްކުރުން: ކޮންމެވެސް ވަކި ލަނޑުދަނޑިއެއް ހާސިލްވުމުން ނޫނީ އުފާވެރިކަން ނުލިބޭނެ ކަމަށް ވިސްނައި، މިހާރު ލިބިފައިވާ މިންވަރަށް ޝުކުރުވެރިނުވުން.
  9. އަވަދިނެތި އުޅުމަކީ ރަނގަޅު ދިރިއުޅުމެއް ކަމަށް ހީކުރުން: އަބަދު މަސައްކަތެއްގައި ބުރަކޮށް އުޅުމަކީ ދިރިއުޅުމުގައި މާނައެއް ހުރި ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އަމިއްލަ ނަފްސަށް ވަގުތު ހުސްނުކުރުން.
  10. ގުޅުންތަކަށް އިސްކަން ނުދިނުން: އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ވަގުތު ދިނުމުގެ ބަދަލުގައި، އެހެން ހުރިހާ ކަމެއް ނިމުމުން ބާކީވާ ވަގުތު ގުޅުންތަކަށް ހާއްސަކުރުން. ދިގު މުއްދަތުގެ ދިރާސާތަކުން ދައްކާ ގޮތުގައި އުފާވެރިކަމުގެ އެންމެ ބޮޑު އަސްލަކީ ގާތް ގުޅުންތައް.
  11. ފަހުން ވަގުތު ލިބޭނެ ކަމަށް މާބޮޑަށް ޔަގީންކުރުން: ދުނިޔޭގައި އުޅެން އަދި ވަރަށް ގިނަ ވަގުތު އެބައޮތް ކަމަށް ދެކި، މިއަދުގެ ވަގުތުތަކުގެ އަގު ވަޒަންނުކޮށް ކަންކަން ފަސްކުރުން.

މިފަދަ ނޭދެވޭ ވިސްނުންތަކުން ދުރުހެލިވެ، ކޮންމެ ދުވަހެއްގެ ވަގުތުތަކަކީވެސް އަގުހުރި އެއްޗެއްގެ ގޮތުގައި ބަލައިގަތުމަކީ ދިރިއުޅުމުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.