މަޝްހޫރު ފަންނާނު ކައިލީ ޖެނާގެ ކުރީގެ ޕްރައިވެޓް ޝެފް، "ޖޭން ޑޯ" ގެ ނަމުގައި އޭނާއާ ދެކޮޅަށް ހުށަހެޅި ދައުވާއަކާ ގުޅިގެން ގާނޫނީ ކުރިމަތިލުންތަކެއް ވަނީ ފެށިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ކައިލީގެ ވަކީލުން ދަނީ އެ އަންހެންމީހާގެ އަސްލު ނަން ހާމަކުރުމަށް ބާރުއަޅަމުންނެވެ. އަދި ކޯޓުގެ އާންމު ރެކޯޑުތަކުގައި އެ ނަން ހިމެނުމަށް އެ ފަރާތުން އެދެމުންދެ އެވެ.

ލޮސް އެންޖެލިސްގެ ކޯޓަކަށް ކައިލީގެ ވަކީލުން ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވަނީ، ދައުވާކުރާ ފަރާތުގެ އަސްލު ނަން ހާމަކުރަންޖެހޭނެ ކަމަށެވެ. މިދިޔަ ޖޫން މަހު "ޖޭން ޑޯ" ގެ ނަމުގައި މި ދައުވާ ހުށަހަޅާފައިވާއިރު، އޮކްޓޯބަރު 23 ގައި ވަކީލުން ވަނީ، މާބަނޑުވުމާ ގުޅޭ ތުހުމަތުތަކަކީ ސިއްރު ނަމެއްގައި ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ވަރުގަދަ ގާނޫނީ އަސާސެއް ނޫން ކަމަށް ބުނެ ވަކާލާތުކޮށްފަ އެވެ.

"ކައިލީ ޖެނާއަށް ޖޭން ޑޯ އަކީ ކާކުކަން މިހާރުވެސް އެނގޭ. ސުވާލަކީ މިކަން އާންމުންނަށް އެނގެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރާ ސަބަބަކީ ކޮބައިތޯ؟ އަޅުގަނޑުގެ މުވައްކިލަކީ އޭނާގެ ދަރިފުޅު ބަނޑަށް މަރުވުމުގެ ހިތާމަ ތަހައްމަލުކުރަމުންދާ، އިންސާފު ހޯދުމަށް ނުކުމެ ހުރި ހިތްވަރުގަދަ އަންހެނެއް،" ޖޭން ޑޯގެ ވަކީލު ޑެލާ ޝޭކަރް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކައިލީގެ މައްޗަށް ކުރެވިފައިވާ ސީރިއަސް ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އޭނާ މަސައްކަތްކުރަނީ މިލިއަނުން މީހުންގެ ކުރިމަތީގައި އެ އަންހެންމީހާ ފަޟީހަތްކުރުމަށް ކަމަށެވެ. ބޮޑު ހިތާމައެއް ތަހައްމަލުކުރަމުންދާ އަންހެނަކު އާންމުންގެ މަލާމާތާއި ފިއްތުންތަކަށް ހުށަހެޅުން ނޫން އެހެން މަގްސަދެއް މީގައި އޮތްތޯވެސް އޭނާ ސުވާލު އުފެއްދެވިޗއެވެ.

"މީގެ ބޭނުމަކީ އިންސާފު ހޯދުންތޯ ނޫނީ ހަގީގަތް ހާމަކުރުމުން ލިބޭނެ ގެއްލުންތަކަށް ބިރުން އަހަރެމެންގެ މުވައްކިލު މި މައްސަލަ ދޫކޮށްލުމަށް މަޖުބޫރުކުރުވުންތޯ؟ މިއީ ހައްދުން ނެއްޓުން،" ވަކީލު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން 29 އަހަރުގެ ކައިލީގެ ވަކީލުން ބުނެފައިވަނީ، ދައުވާކުރާ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައި އަދި މީޑިއާތަކަށް މައުލޫމާތު ދީގެން އަމިއްލައަށް އާންމުންގެ ސަމާލުކަން ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކައިލީ އާއި އޭނާގެ ކުރީގެ ޝެފާ ދެމެދު ހިނގަމުންދާ މި މައްސަލައަކީ މާބަނޑުވުމާ ގުޅިގެން ތަފާތުކުރުންތައް ގެންގުޅުމާއި، ފުރައްސާރަކުރުމާއި، އަދި ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ މައްސަލައެކެވެ. ޖޫން 22، 2026 ގައި ލޮސް އެންޖެލިސް ސުޕީރިއާ ކޯޓަށް ހުށަހެޅި މި މައްސަލާގައި، އަންހެންމީހާގެ ވަނަވަރު ސިއްރުކޮށްދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ތާވަލުކުރެވިފައިވަނީ ޖެނުއަރީ 28، 2027 އަށެވެ.