ރަސްމާލޭގެ ބިން މުޅި އުމުރަށް ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅު ހެދުމުގެ ހަރަކާތްތައް ހިންގާ ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ޑިސެމްބަރު ހަތަރުވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ އެ ޖަލްސާ ބާއްވާނީ "ރަތް ރޮނގު" ގެ ނަމުގައި ކަމަށެވެ.

"މި އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ރާއްޖޭގެ ރަށްތަކުން މާލެއަށް މީހުން އައިސްގެން ބާއްވާ ބޮޑު އެއްވުމެއް އަނެއްކާ ވެސް ބޭއްވުމަށް ނިންމާފައި،" މި ފެށޭ ޑިސެމްބަރު މަހުގެ ފުރަތަމަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާގެ ނަތީޖާ ރަނގަޅުވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.

މީގެއިތުރުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ރަތްރޮނގުގެ ނަމުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އެހެންވީމާ ހާއްސަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނާއި އަދި މާލޭގައި ވެސް ވަޑައިގެންނެވެން ތިއްބެވި ބޭފުޅުން ވަޑައިގެންދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެރޭ ގަދަ ވިއްސާރަ އާއި އެކި ފިއްތުންތަކާއެކު ވެސް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަކީ އެ ހަރަކާތަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރަސްމާލެ މަޝްރޫއުއަށް މަގުފަހިކުރުމަށްޓަކައި މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލް ފާސްކުރަން ވޯޓު ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އިމްރާން ވަނީ އިލްތިމާސްކުރައްވާފަ އެވެ.