މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުއިގޮތެއް ހަމަޖައްސައިދިނުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ފެންކުންފުނި، އެމްޑަބްލިއުއެސްސީ އާއި މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ ޓެގްކުރައްވައި ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް 19 ގެ ނުރައްކާތެރި މި ހާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިއުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް ގޮވާލާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ދެހާސް ވިހި ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮށް މުޅި މާލެ ލޮކްޑައުން ކުރިއިރު، ކަރަންޓާއި ފެންބިލަށް ލުއި ގޮތްތަކެއް ހަމަޖެއްސި އެވެ. އެފަހަރު ވެސް ގިނަ ބައެއްގެ އާމްދަނީއަށް ވަނީ އަސަރުކޮށްފަ އެވެ.

ގިނަވަގުތު މާލޭގައި ކާފިއު އިއުލާންކޮށް، އަދި ފިހާރަތަކާއި ރެސްޓޯރަންޓްތަކުން ޑެލިވަރީގެ ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުމުން އެ ތަންތަނުގެ އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެކަމުގެ ސަބަބުން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަކޮށް އަނެއްބައި މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާތީ އެފަދަ މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ދެއްކުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.