ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދަކަށް މީހުން ނިޔާވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ކޮވިޑް ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 126 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިމަހަކީ ރާއްޖެއިން މިބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި މަހަކަށްވާއިރު ގިނަ މީހުން މަރުވެފައިވަނީ ހުޅުމާލެގައި ކޮވިޑް ބަޔަށް ފަރުވާ ކުރުމަށްޓަކައި ތަރައްގީ ކުރި ފެސިލިޓީއިންނެވެ.
ޕީޕީއެމްގެ ނައިބް ރައީސް ޝިޔާމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ އެ ފެސިލިޓީގައި ތިބޭ މީހުންނަށް އަޅާނުލާ ވާހަކަ އެ ފެސިލިޓީގައި ތިބި ބަލިމީހުން ގުޅާފައި ބުނަމުން އަންނަ ކަމަށެވެ. އަދި އެ މަރުކަޒުގައި ފަރުވާދެމުން އަންނަ ޝިޔާމުގެ ރަހުމަތްތެރިއަކު މިއަދު އޭނާގެ އަންހެނުންނަށް ގުޅައި ޕެނަޑޯލް ކާޑެއް ފޮނުވައިދިނުމަށް އެދުނު ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.
އެހެން ނަމަވެސް މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން އަދި ސަރުކާރުން ވެސް ވަނީ އެ ފެސިލިޓީގައި ވެސް މަސައްކަތް ކުރަނި އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރާ ޑޮކްޓަރުން ކަމަށް ބުނެފަ އެވެ.
ހުޅުމާލެ ފެެސިލިޓީގައި ތިބި ބަލިމީހުންނާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާ ތަފާތު ނުކުރާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް އިންސާނީ ވަސީލަތުގެ ދަތިކަން މިހާރު ކުރިމަތިވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ. އަދި ފެސިލިޓީގައި ފަރުވާ ހޯދާ މީހުންގެ ހާލު ބެލުމަށް ކޯލް ސެންޓަރުގެ ހިދުމަތްވެސް ވަނީ ގާއިމް ކުރައްވާފަ އެވެ.
ސަރުކާރުން މިގޮތަށް ހާމަކުރެވިއަސް ގިނަ ބަައެއްގެ ފާޑިޔުން ސަރުކާރަށާއި އެޗްޕީއޭއަށް އަންނަނީ ކިޔަމުނެވެ. ސަރުކާރުން އަދި އެޗްޕީއޭއިން ކޮވިޑް ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތަކާ މެދުގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މިހާލަތަށް އައީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ގިނަ ފަރާތްތަކަކުން ބުނެ އެވެ.