ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްމުހައްމަދު ނަޝީދަކީ "ލާދިނީ" މީހެއް ކަމަށް ވިދާޅުވާ ރާއްޖޭގެ ޝެއިހުންނާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގާތް ގުޅުން ބާއްވާ ކަމަށް ވިދާޅުވެ، އެމްޑީޕީ ސަޕޯޓަރުން ޝަކުވާ ކުރަން ފަށައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިމްރާން ހާޒިރު ކުރީ ތ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވޭނެ ދުވަހެއް ބެލުމަށް މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވުމާ ގުޅިގެންނެވެ. އެކަމަކު، މަޖިލިހުގައި މެމްބަރުންގެ ފަރާތުން އިމްރާނަށް ބޮޑަށް ސުވާލްތައް އަމާޒުވީ ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅޭ ގޮތުންނެވެ.

މަޖިލީހުގެ ތަޅުމުގައި ކުރި ގިނަ ސުވާލުތަކަށް އިމްރާން ވަނީ ޖަވާބު ދެއްވައިފަ އެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލުގައި ވަނީ ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅުންނާއެކު އިމްރާން ގާތް ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދިި އިމްރާން ގާތް ގުޅުން ބާއްވާ ބޭފުޅުންގެ ތެރޭގައި ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއިން ވެފައިއިވާ ގެއްލުމަށް ފަރުވާ ހޯދަމުންދާ ދަނޑިވަޅުގައި ވެސް އެމަނިކުފާނަށް ނިސްބަތްކޮށް ފުރައްސާރައިގެ ބަސްތައް ރައްދުކުރަމުންދާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަން އިންތި ފާހަގަކުރެއްވި އެވެ.

އޭނާގެ ސުވާލުތަކަށް ޖަވާބު ދެމުން އިމްރާން ވިދާޅުވީ، ނަޝީދަށް ދީފައިވާ ހަމަލާއަކީ އިސްލާމްދީނުގެ އެއްވެސް ހަމައަކުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ތާއީދުކޮށް ހިތްވަރުދޭ ފަރާތަކަށްވާ ނަމަ އެއީ ގާނޫނީ ގޮތުން އަދަބު ލިބެންޖެހޭނެ މީހެއް ކަމަށް އިންތި ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއަށް ތާއީދުކުރައްވާ އެއްވެސް ފަރާތެއް ބަލައިނުގަންނާނެ ކަމަށާއި އެފަދަ ފަރާތްތަކާ ގުޅުމެއް ވެސް ނުބާއްވަވާނެ ކަމަށް އިމްރާން ޖަވާބު ދެމުން ވިދާޅުވި އެވެ.

"ޕާޓީގެ ތެރެއިން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ދެވުނު މި ހަމަލާއަށް ތާއީދު ކުރާ އެއްވެސް ފަރާތަކަށް އަޅުގަނޑުގެ ތާއީދެއް، ސިންޕަތީއެއް ނޯންނާނެ،" އިމްރާން ވިދާޅުވި އެވެ.

އޭނާގެ އެ ސުވާލަށް ޖަވާބު ދެއްވައި ނިމުނުތަނާހެން ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިމްރާންގެ ފޮޓޯގެ ވާހަަކަ ދައްކަވާފަ އެވެ. އެ ފޮޓޯއިން ފެންނަނީ ނިމުނު ރޯދަ މަހު އިމްރާން ބައެއް ދީނީ އިލްމުވެރިންނާއެކު ފަރީކުޅައްވަން ހުންނަވާ މަންޒަރެވެ.

އިމްރާނާއެކު ދެން އެ ފޮޓޯއިން ފެންނަނީ އެމްޑީޕީގެ ލީޑާޝިޕާއި އެ ޕާޓީގެ ސަޕޯޓަރުންގެ ބަދުބަސްތަކާއި މަލާމަތް އަބަދުވެސް ރައްދުވާ ދީނީ އިލްމުވެރިންނެވެ. އެ ދިނީ އިލްމުވެރިންނާއެކު އިމްރާން ހުންނަވާ މަންޒަރު ފެނުމަކީ ދެރަވަރު އަދި ކަންބޮނޑުވާކަމެއް ކަމެއް ކަމަށެވެ.