ކޮވިޑް މާލެ ސަރަހައްދުގައި ކޮންޓްރޯލް ނުވެ އިތުރުވަމުންދާތީ މާލެ ސަރަހައްދުގެ ކާފިއު ގަޑި ހަވީރު 4ން ހެނދުނު 8 އަށް ބަދަލުކުރަން ނިންމައިފި އެވެ.

އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ޕްރެސް ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އިއުލާން ކުރި ގޮތުން ނަމަ ބުދަ ދުވަހުން ފެށިގެން ކާފިއު ގަޑިއަށް ގެންނަ ބަދަލުތަކާއެކު، ކާފިއު ނޫން ވަގުތުތަކުގައި ވެސް ކޮންމެ ގެއަކުން ބޭރަށް ދެވޭނީ ފުލުހުން ދޫކުރާ ހާއްސަ ފާހެއް ހިފައިގެންނެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް އިމަޖެންސީ ހާލަތެއްގައި ނޫނީ ބޭރަށް ނިކުމެ އުޅެވޭނީ އެ ފާސް ހިފައިގެން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާފިއު ގަޑީގައި ބޭރަށް ދިއުމަށް ކޮންމެ ގެއަކަށް ދޫކުރާނީ ދެ ފާސް ކަމަށެވެ. އަދި ފާސްދޫކުރަނީ ދެ ގަޑިއަކަށް ބަހާލައިގެން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ އަލަށް އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އެޗްއީއޯސީ

މަބްރޫކް ވިދާޅުވީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން އެ ފާސް ދޫކުރާނެ ކަމަށެވެ.

އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއު ގަޑީގައި އެއްވެސް މީހަކަށް މަގުމަތީގައި އުޅެވޭނީ ކޮންމެ ވެސް ހުއްދައެއް އޮވެގެން ކަމަށެވެ. އެގޮތުން ކޮންމެ ގޭބިސީއަކުން ދެ މީހަކަށް ހުއްދަ ދޫކުރާނީ ކަރަންޓް މީޓަރަށް ބަލައިގެން ކަމަށެވެ. މީގެ އިތުރުން ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭ ހެދުމާއި ފިހާރަތަކަށް ވަދެ ޚިދުމަތް ހޯދުން ވަނީ މަނާކޮށްފަ އެވެ. އެވަގުތުގައި އެއިން ޚިދުމަތެއް ހޯދައިފިނަމަ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.