ސަރުކާރުގެ މުއައްސަސާތައް ހިންގުމަށް މީހުން އައްޔަން ކުރުމަށް ފަހު ލަފާދޭ ބޭރު މީހުން އައްޔަން ކުރާތީ އެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓް ހިންގެވުމަށާއި، ފިނޭންސް މިނިސްޓްރީ ހިންގެވުމަށާއި، ރައީސް ނަޝީދުގެ ތަހުގީގަށް ވެސް ބޭރު މީހުން އައްޔަންކޮށްގެން މިކުރައްވަން އުޅުއްވާ ކަމެއް ސާފުނުވާ ކަމަށެވެ.

އަދުގެ ސަރުކާރުން ބޭރު މީހުން އައްޔަން ކުރެއްވުމުގެ ބަދަލުގައި ޑރ. ޖަމީލް ވަނީ ބޮޑު މުސާރަ ދީގެން މިހުރިހާ ކަމެއް ކުރުމުގެ ބަދަލުގައި ބޮޑު ސޯބު ބަދަލުކުރަންވީނުންތޯ ސުވާލު އުފައްދަވައިފަ އެވެ.

"ތަޙްގީގުކުރަން އައްބާސް ކިޔާ އިނގިރޭސިއެއް. އެއާޕޯޓް ހިންގަން ބޭރު މީހެއް. ބޭންކު ހިންގަން ބޭރު މީހެއް. އެންމެ ފަހުން ފިނޭންސް މިނިސްޓްރީ ހިންގަން ބޭރު މީހެއް. ބޮޑު މުސާރަދީ މިހުރިހާ ކަމެއް ނުކޮށް މައި ސޯބު ބަދަލު ކުރަން ވީ ނޫންތޯ؟ ކޮންމެ ކަމަކަށް ޑަބަލްކޮށް ޚަރަދުކުރުން ހެޔޮވެރިކަން؟" ޑރ. ޖަމީލް ކުރެއްވި ޓުބީޓުގައި ވިދާޅުވި އެވެ.

ސަރުކާރުގެ މުއައްސަސާތަކަށް ބޮޑު މުސާރަ ދީފައި ބަޔަކު އައްޔަން ކުރުމަށްފަހު އެތަންތަން ނުހިނގުމުން އެތަންތަނަށް ބޭރު މީހުން އައްޔަން ކުރަމުންދަނީ ކޮން ނިޔަތެއްގައިތޯ ޖަމީލު ވަނީ ސުވާލު ކުރައްވާފަ އެވެ.

ގިނަ ކަންކަމުގައި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކާ ގުޅިގެން، މި ސަރުކާރު ގެންނަން ތާއީދުކުރެއްވި ގިނަ ބޭބޭފުޅުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެ ވަޑައިގެންނަވާފަ އެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯޔަރުންގެ ޓީމުގެ އިސް ވަކީލު ޑރ. ޖަމީލްއަކީ ވެސް މިސަރުކާރު ގެނައުމަށް ކުރިން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅުން ހިނގި ގިނަ ހަރަކާތްތަކުގައި ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޑރ. ޖަމީލް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ނަމަވެސް މިސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ޑރ. ޖަމީލް ވަނީ މިސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންނަވައި، ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވައިފަ އެވެ.

މި މޭރުމުން ޑރ. ޖަމީލް ޓުވީޓް ކުރައްވާފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއަށް ލަފާދިނުމަށް ވަނީ ބޭރުގެ ތަޖުރިބާކާރެއް އައްޔަން ކޮށްފަ އެވެ. އަދި ރަައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރުމަށް ވެސް ވަނީ ބޭރުގެ ފަރާތެއް އައްޔަން ކޮށްފަ އެވެ.