އިސްމާއިލިއްޔާ (28 މެއި) - މިސްރުގެ ސުވޭޒު ކެނަލްއިން ދަތުރު ކުރަމުން ދިޔަ ބޯޓެއްގެ އިންޖީނު ފެއިލްވެ، ކެނަލްގެ އިދާރާތަކުގެ އެހީއާއެކު އެ އިންޖީނު މަރާމާތުކޮށްފި އެވެ.

ހުކުރު ދުވަހު ހިނގި މި ހާދިސާގައި މާސްކް އެމަރަލްޑް ނަމަކަށް ކިޔާ 353 މީޓަރު ދިގު ބޯޓުގެ އިންޖީނު ހުއްޓުނީ މިސްރުގެ އިސްމާއިލިއްޔާ ކައިރިން ދެކުނަށް ދަތުރު ކުރަމުން ދަނިކޮށެވެ. އިންޖީނު ހުއްޓުމާއެކު ޓަގު ބޯޓުތަކުގެ އެހީގައި އިންޖީނު ރަނގަޅުކޮށް އިތުރު ޓެކްނިކަލް ޗެކްތަކަށް ބޯޓު ވަނީ ގެންގޮސްފަ އެވެ.

މި ހާދިސާ ހިނގި ވަގުތު އެ މަގުން ދަތުރު ކުރަމުން ދިޔަ އެހެން ބޯޓުތައް ވަނީ 2015 ވަނަ އަހަރު ސުވޭޒް ކެނަލްގައި ހުޅުވި ދެވަނަ ލޭންއަކަށް ޑައިވާޓް ކޮށްފަ އެވެ.

ސުވޭޒް ކެނަލް ހިންގަމުން އަންނަ މިސްރުގެ ސުވޭޒް ކެނަލް އޮތޯރިޓީން ބުނީ މި ހާދިސާގެ ސަބަބުން މަގުގެ ޓްރެފިކަށް އެއްވެސް އަސަރެއްނުކުރާ ކަމަށާއި ހާލަތު ގޯސްވުމުގެކުރިން އިންޖީނު ހަދައި އާއްމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

މި އަހަރުގެ މާޗް މަހު ވެސް ސުވޭޒް ކެނަލްގައި ވަނީ މިފަދަ ހާދިސާއެއް ހިނގައިފަ އެވެ. އެވާ ގްރީން ނަމަކަށް ކިޔާ ބޯޓު ސުވޭޒް ކެނަލްގެ ހުރަހަށް ތާށިވުމުގެ ސަބަބުން ހަ ދުވަހުގެ މުއްދަތަކަށް އެ ސަރަހައްދުގެ ޓްރެފިކް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ބުރޫއަރައި ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ އަސަރު ކޮށްފަ އެވެ. -- އަލް އަރަބިއްޔާ