ކޮވިޑް-19 ވެކްސިން ނުޖަހާ އެންމެ ގިނައީ ޒުވާނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން އުޅުމަށާއި ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައިވީ ނަމަވެސް، އެގޮތަށް ގިނައިން އަމަލު ނުކުރަނީ ޒުވާނުން ކަމަށެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 20-29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 39 ޕަސެންޓް މީހުން މި އަހަރުގެ މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި ބަލިން ރައްކާތެރިވާން މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް އެ ގޮތަށް އަމަލު ނުކުރާ މީހުންގެ 48 ޕަސެންޓް މީހުންނަކީ ވެސް އެ އުމުރުފުރާގެ ޒުވާނުންކަން ކަމަށް ތަފާތު ހިސާބުތަކުން ދައްކާ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ އުމުރުން 21-30 އަހަރާ ދެމެދުގެ މީހުންނަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގައި ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައިވާއިރު ޒުވާން އުމުރުގެ މީހުންނަށް ވެކްސިން ދޭން ފަށާފައި ވަނީ އެންމެ ފަހުންނެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ފަހަކަށް އައިސް ވަނީ ގޯސްވެފަ އެވެ. އެގޮތުން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ފާއިތުވީ ދުވަސްތަކުގައި ގިނައިން ހުރީ 1000އިން މަތީގަ އެވެ. ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 155 އަށް ވުރެ ވަނީ އިތުރުވެފަ އެވެ.