މާލޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ، ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި ވަނިކޮށް، މާދަމާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރުކުރާތީ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ރައީސް ޔާމީންގެ ވަކީލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި މާދަމާ 9:30 އަށް ކޯޓަށް ހާޒިރުވުމަށް އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ. އަދި މާދަމާގެ އަޑުއެހުން ކުރިއަށް ގެންދާނީ އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެން ކަމަށް އެ ކޯޓުން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މާދަމާ ބާއްވާ އަޑުއެހުމަކީ ދުރާލާ ތާވަލް ކުރެވިފައިވާ އަޑުއެހުމެއް ކަމުގައި ވިޔަސް، މިދަނޑިވަޅަކީ ކޮވިޑްގެ ބަލިމަޑުކަން ވަރަށް ނުރައްކާތެރި ހާލަތެއްގައިވާ ދަނޑިވަޅެއް ކަމަށްވާއިރު، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ސިއްހީ ނުރައްކަލަށް ހުށަހެޅޭގޮތަށް ކޯޓަށް ހާޒިރުކުރުމަކީ ގާނޫނު އަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެކަމުގެ ސަބަބުން އަޅުގަނޑުމެން ކަންބޮޑުވާ ހާލު މާދަމާގެ އަޑުއެހުން ފަސްކޮށްދެއްވުމަށާއި އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ހަމައަކަށް އެޅި އާންމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދެއްވުން އެދި ކްރިމިނަލް ކޯޓުގައި މިއަދު އަޅުގަނޑުމެން ވާނީ ދަންނަވާފައި،" އެ ބަޔާނުގައިވެ އެވެ.