ސްކޫލް ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަަރިވަރުންނާއި ކަރަންޓީންގައި ތިބޭ ދަރިވަރުންނަށް ފަހު އިމްތިހާނު ނުހެދުނު ނަމަވެސް އެސެސްމަންޓް ޕޮލިސީއާ އެއްގޮތަށް އެ ކުދިންގެ ފެންވަރު ބެލުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮވިޑް ޖެހިފަައިވާ ކުދިން އެހެން ކުދިންނާއެކު ސުކޫލަށް ގެނައުމަކީ ވަރަށް ރިސްކު ބޮޑު ކަމަކަށް ވާތީ ރިސްކް ނަގަން ބޭނުންނުވާ ކަމަށެވެ. ފަހު އިމްތިހާނު ދެނީ ކީ ސްޓޭޖް ތިނެއް އަދި ހަތަރެއްގެ ދަރިވަރުންނަށެވެ. އެއީ ގުރޭޑް ހަތަކުން މަތީ ގުރޭޑްތަކެވެ.

އޯލެވެލް އާއި އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ އަދި ކަރަންޓީންގައި ތިބި ދަރިވަރުންނަށް ހާއްސަ ގޮތްތަކެއް ހަމަޖައްސައި ދިނީ އެ އިމްތިހާނު އެ ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް މުހިންމު ކަމަށާއި ނަމަވެސް ސުކޫލުގެ އިމްތިހާނެއްގައި އެ ރިސްކު ނަގައިގެން ކުދިން ބައިވެރިކުރަން ބޭނުން ނުވާ ކަމަށް ޑރ. އައިޝަތު ވިދާޅުުވި އެވެ.

"ކޮވިޑް ބަލިޖެހިފައި ތިބި ކުދިންތަކެއް އެހެން ކުދިންނާ އެއްކޮށް ސުކޫލަށް ގެނައުމަކީ ވަރަށް ރިސްކީ ކަމެއް. އަޅުގަނޑުމެން އޯލެވެލް އާއި އޭލެވެލް އެގްޒާމްގައި އެއީ ބޭރުގެ އިމްތިހާނުތަކަކަށް ވެފައި އަދި ކުދިން ފިއުޗާއަށް ވަރަށް މުހިންމު އިމްތިހާނުތަކެއް ކަމުގައިވާތީވެ އެ ކުދިންނަށް އަޅުގަނޑުމެން ސްޕެޝަލް އެރޭޖްމަންޓެއް ހަދައިދިނީ އެވެސް ސެންޓަރީ އަޅުގަނޑުމެން އެކަން އޯގަނައިޒުކޮށްގެން ވަކި ހޯލަކަށް ގެންގޮސްގެން އެ ކުދިންނަށް އިމްތިހާނުތައް ދެމުން ގެންދިޔައީ،" ޑރ. އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިމްތިހާނުގައި ބައިވެރި ނުވެވުނަސް ދަރިވަރުން ދެރަވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެސެސްމަންޓް ޕޮލިސީއާ އެއްގޮތަށް އެ ކުދިންގެ ފެންވަރު ބެލުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމުގެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައިކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.