ވަޒީރުންނަށް ފްލެޓްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުށަހެޅުއްވުމުން އެމަނިކުފާނު އެކަން ނުކޮށްދިން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޑރ. ޝައިނީގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި ޑރ. ޝައިނީ ވިދާޅުވީ ރައީސް ޔާމީނުގެ ކެބިނެޓުގައި ވަޒީރުންނަށް ލިބުނު އެއްޗެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެ ބޭފުޅުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުސްއަތާ ކަމަށާއިކެބިނެޓުގެ ވަޒީރުންނާމެދު އެންމެ އިހާނެތިކޮށް ކަންކުރެއްވި ރައީސަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ ކަމަށެވެ.

"ކެބިނެޓުގައި ތިބި މީހުންނަށް ކޯއްޗެއް ދިނީ؟ ކޯއްޗެއް ލިބުނީ؟"؟ ޑރ. ޝައިނީ ވިދާޅުވި އެވެ.

ޑރ. ޝައިނީ ވިދާޅުވީ ވަހީދުގެ ސަރުކާރުގައިވެސް އެ ސަރުކާރުގެ ވަޒީރުންނަށް އިއްޒަތް ދެއްވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީރުންނަށް އެއްޗެއް ނުލިބޭ ކަމުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން އަރިހުގައި ފައިސާ ދެއްވަން އެދިވަޑައިގަތުމުން 100،000 ރުފިޔާވެސް އެމަނިކުފާނު ނުދެއްވި ކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.