އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރާނެ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ތުޅާދޫ ދާއިިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވި ބިލާއެކު ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ބިލަކީ ލާދީނީ ފަތުރުމުންދާ ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިއަދުގެ ވަގުތެއްގައި އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާކޮށްފައިވާ ގޮތަށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި އެއާ ދެކޮޅަށް ފާސްކުރަން އުޅޭ ގާނޫނަކަށް ތާްއިދު ނުކުރާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމްދީން ކަމަށާއި، ބަޔަކު ދީނާ ހިލާފު ވާހަކައެއް ދައްކާނަމަ އެއަށް ބަސް ނުބުނެވޭ ގޮތަށް ނިންމާ ހުރިހާ ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމަކަށް ވާނެ ކަމަށެވެ.

ގިނަ ބައެއްގެ ނުރުހުން ހިސާން ހުށަހެޅުއްވި ބިލަށް ހުރި ނަމަވެސް އެ ބިލަށް ތާއިދު ކުރައްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައި ވަނީ އެއީ ވަކި ފަރާތަކަށް ބުރަވެގެން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށެވެ.