ހޮސްޕިޓަލަށް ގެންދިއުން ލަސްވެގެން ރޭ މަރުވި، އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މިޝްކާ މަރުވީ ކޮވިޑް-19 ބަލިޖެހިފައިވަނިކޮށް ފަރުވާއަށް އިހުމާލުވުމުންނެވެ.
މިޝްކާގެ މަރުގެ މައްސަލަ ބަލައި ދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ މިއީ ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ތަކުރާރުވަމުންދާ ސަބަބުތައް ދެނެގަތުމަށް ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި އެކަން ފަރުވާތެރިކަމާ އެކު ނުގެންދެވޭ ސަބަބު އޮޅުންފިލުއްވައި ދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން މާލޭގެ އާބާދީއާއި އެކަށީގެންވާ ވަރަށް ހިދުމަތް ދެވޭނެ އަދަދަށް ސިއްހީ އާލާތްތައް ހުރިތޯ ބެލުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ. އަދި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމަށް ވެސް ހައިތަމް ހުށަހަޅުއްވާފައި އެވެ.
ކުއްލިއަކަށް މިޝްކާގެ ހާލު ރޭ ދެރަވުމާ ގުޅިގެން އެމްބިއުލާންސަށް ތަކުރާރުކޮށް ގުޅުމުން ވެސް މިޝްކާ ބަލައި އެމްބިއުލާންސް ދިޔައީ ގާތްގަނޑަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ މިޝްކާގެ އާއިލާއަށް ގުޅައި ސަރުކާރުގެ ފަރާތުން މާފަށް އެދިފަ އެވެ. މިޝްކާގެ މަރުގެ މައްސަލަ ހެލްތް މިނިސްޓްރީން ގެންދަނީ ވެސް ބަލަމުންނެވެ.