ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނުް ހުސެއިން ހުށަހެޅުއްވި އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލު އޮތްގޮތުން މުޖުތަމައުގެ ހަމަޖެހުން ގާއިމްކުރުން ދަތިތަކެއް ކުރިމަތިވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ބުނެފި އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އަދާތަލުން ނެރުނު ބަޔާނެއްގައި ބުނީ، ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކާއި ދީނާ ގުޅުން ހުރި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ގެއްލޭނެ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. ސަރުކާރުން ހުށަހެޅި ބިލް އޮތްގޮތުން މުޖުތަމައުގެ ހަމަޖެހުން ގާއިމު ކުރަން ހުރަސް އެޅޭނެ ކަމަށެވެ.
އަދާލަތުން ބުނީ، ބިލާއި ގުޅޭގޮތުން ހުރި ކަންބޮނޑުވުންތައް މިހާރު ސަރުކާރާ ހިއްސާކޮށް، ހައްލު ހޯދުމަށާއި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން އެދިފައިވާނެ ކަމަށެވެ.
ހިސާން ހުށަހެޅުއްވި އެ ބިލަށް ވަނީ އިލްމުވެރިންގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެއީ ރާއްޖޭގައި ލާދިނިއްޔަތު ފަތުރުން ކުރާ ކަމެއްގެ ގޮތުގައި ވެސް ދެކެ އެވެ.