ގާހިރާ (04 ޖޫން) - މިދިޔަ މާޗް މަހު މިސްރުގެ ސުއޭޒް ކެނަލް ހުރަހަށް ބީހުނު އެވަގްރީން ނަމަކަށް ކިޔާ އާގު ބޯޓު، ބީހުމުގެ ކުރިން އޭގެ ދުވެލި ކޮންޓްރޯލް ކުރަމުން ދިޔައީ މިސްރުގެ ވޯޓާވޭ އޮޕަރޭޓަރުން ކަމަށް އެ ބޯޓުގެ އިންޝުއާ ކޮށްފައިވާ ކުންފުނި ޔޫކޭ ކްލަބްއިން ބުނެފި އެވެ.
ބުރާސްފަތި ދުވަހު އާއްމު ކުރި ބަޔާނެއްގައި އެ ކުންފުނިން މިހެން ބުނެފައި ވަނީ ބޯޓު ބީހުނުއިރު ދުއްވަމުން އައީ މާ ބަރަށް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ ބުނެފައި ވަނިކޮށެވެ.
ޔޫކޭ ކްލަބްއިން ބުނެފައި ވަނީ އެ ހާދިސާގެ ސަބަބުން ސުއޭޒު ކެނަލްއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ސުއޭޒް ކެނަލް އޮތޯރިޓީން އެދިފައިވާ ބަދަލު ބޯޓުގެ ވެރިޔާއާއި އެ ކުންފުނިން ގަބޫލު ކުރި ނަމަވެސް، އެ އޮތޯރިޓީން ބޯޓުގެ ވެރިޔާ އާއި އެ ކުންފުންޏަށް ކުރާ ތުހުމަތުތަކާ މެދު ކަންބޮޑުވާ ކަމަށެވެ.
މި ހާދިސާގައި ލިބުނު ގެއްލުމުގެ ބަދަލުގައި 916 މިލިއަން ޑޮލަރު ދިނުމަށް ސުއޭޒް ކެނަލް އޮތޯރިޓީއިން ކުރިން ހުށައަޅާފައިވީ ނަމަވެސް ފަހުން ވަނީ އެ އަދަދު 550 މިލިއަން ޑޮލަރަށް ތިރިކޮށްފަ އެވެ.
ބީހުނު އެވަގްރީންގެ މައްސަލައިގައި ދެފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާއިރު އެ ބޯޓު އަދިވެސް އޮތީ ސުއޭޒް ކެނަލް އޮތޯރިޓީގެ ބެލުމުގެ ދަށުގައި ހިފަހައްޓާފަ އެވެ.
ފާއިތުވެ ދިޔަ މާޗްމަހު ސުއޭޒު ކެނަލް އަށް ބީހުނު އެބޯޓު ފުންކުރެވުނީ ހަ ދުވަހަށް ފަހު އެވެ. އެ ހާދިސާގެ ސަބަބުން އެ މަގުގެ ޓްރެފިކް ބްލޮކްވެ، ގިނަ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. – އަލް އަރަބިއްޔާ