މިދިޔަ މަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ހަމީދު މިއަދު ހާޒިރުކޮށްފައިވާއިރު، މިއިންކުއަރީއަށް މައުލޫމާތު ދިނުމަށް ވަކިވަކި ފުލުހުންވެސް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ މަޖިލީހުގެ 241 ކޮމެޓީއަށް ވަކިވަކި ފުލުހުންވެސް ހާޒިރުވެ މައުލޫމާތު ދެއްވާނެ ކަމަށެވެ.

މި މައްސަލާގައި މިއަދު ކޮމިޝަނާ އޮފް ޕޮލިސް މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، ޗީފް އޮފް ޑިފެންސް އާއި ވައިސް ޗީފް އޮފް ޑިފެންސްވެސް މަޖިލީހުގެ އިންކުއިރީއަށް ހާޒިރުކުރަން އޮތީ ނިންމާފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއިރީ ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން ހިންގާ އިންކުއިރީއަކީ ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ފޫއަޅުވައިލެވުނު ގޮތް ދެނެގަތުމުގެ ގޮތުން ހަދާ އިންކިއުރީއެކެވެ.

މި އިންކިއުރީގައި ގައުމީ ދިފާޢީ ބާރާއި ފުލުހުންނާ ސުވާލުކުރަން ވަނީ ނިންމާފަ އެވެ. އަދި ދެ މުއައްސަސާގެ ވަކިވަކި އޮފިސަރުންނާ ސުވާލުކުރުމަށް ވެސް މަޖިލީހުގެ 241 ކޮމިޓީން ނިންމާފައިވެ އެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި އޮފިސަރުން މަޖިލީހަށް ފޮނުވުމާ ދެކޮޅު ހަދާފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މިއަދު އިންކުއިރީއަށް ހާޒިރުކޮށްފައިވާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މައުލޫމާތު ހާމަކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން ދާއިރު 4 މީހަކު ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފަ އެވެ.