ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގާތީ ވަކި ވަކި ސިފައިން ކަންބޮޑުވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ފަރުދީ ގޮތުން ސިފައިން މަޖިލީހަށް ހާޒިރުކުރުމަކީ ގާނޫނީ ކުށެއް ކަމަށް ސިފައިން ދެކޭ ކަމަށެވެ. އެހެންވެ އެކަމުގައި ގައުމީ ދިފާއީި ބާރުގެ ލަފައަކަށް އެދުމުން އެއީ ގާނޫނީގޮތުން ތަންދޭ ކަމެއް ނޫންކަމަށް ލަފާދީފައިވާ ކަމަށް ވިދާޅުވި އެވެ.

"ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި މި އޮންނަނީ ސިފައިންގެ މީހުން އެ މީހުންނަށް ލިބިފައިވާ މައުލޫމާތެއް ހާމަކުރަން ވާނީ ހަމައެކަނި ސިފައިންނަށާއި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރަށާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް،" މާރިޔާ ވިދާޅުވި އެވެ.

ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރުކުރަން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގާ އިންކުއަރީ އަކަށެވެ.

މާރިޔާ ވިދާޅުވީ މިހާތަނަށް އެކަމަނާއަށް މަޖިލީހަށް ހާޒިރުވާން އަންގާފައިނުވާ ކަމަށެވެ. އަދި އަންގައިފިނަމަ މަޖިލީހަށް ހާޒިރުވެ ގާނޫނުގައިވާ ގޮތުގެމަތިން ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އަބަދުވެސް ދަންނަވަމުން އަންނަ ވާހަކަ އަކީ ގައުމީ ދިފާއީ ބާރުން އަބަދުވެސް ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުންދޭނެ ވާހަކަ ކަމަށެވެ.

ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ސޮއިކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މަޖިލީހުން ވަނީ ފޮނުވާފަ އެވެ.

ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ދެކޮޅު ހެއްދެވި މައްސަލާގައި މިނިސްޓަރު މާރިޔާ އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވަނީ ގޮވާލައްވާފަ އެވެ.