ބާސްމަތީ ހަނޑުލަކީ އިންޑިއާ އާއި ޕާކިސްތާނުގެ ކެއުންތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބާވަތެކެވެ. ބިރިޔާނިން ފެށިގެން ފޮނިކާ ތަކެއްޗަށް ދަންދެން އިންޑިއާ އަދި ޕާކިސްތާނުގައި މަޝަހޫރުވެފައިވާ ގިނަ ކާބޯތަކެތީގައި ބޭނުންކުރާ ބާވަތެކެވެ.

އިންޑިއާ އިން މިވަނީ ބާސްމަތީ ހަނޑޫ އެ ނަމުގެ ކޮޕީ ރައިޓްސް ހޯދުމަށް ޔޫރަޕިއަން ޔޫނިއަންއަށް ހުށަހަޅާފަ އެވެ. މިއާއެކު ބާސްމަތީ ހަނޑޫ އެކްސްޕޯޓް ކުރުމުގެ ބޮޑު ވިޔަފާރިއެއް އޮންނަ ޕާކިސްތާނަށް އެ ނަމުގައި ހަނޑުލުގެ ވިޔަފާރިއެއް ނުކުރެވޭނެ އެވެ.

"މިއީ އިންޑިއާ އިން އަހަރެމެންނަށް ދިން ބޮޑު ކެއްސެއް. މިކަމުން އަހަރެމެންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" ޕާކިސްތާނުގެ ހަނޑޫ އުފައްދާ ކާރުޚާނާއެއްގެ ވެރިއެއް ކަމަށްވާ ގުލާމް މުރުތަޒާ ބުންޏެވެ.

އިންޑިއާގެ މި ހުށަހެޅުމާއެކު ޕާކިސްތާނުން ވެސް ވަނީ އީޔޫގައި އެ ހުށަހެޅުމަށް ވަގުތުން އިންކާރުކޮށްފަ އެވެ.

އިންޑިއާއަކީ ދުނިޔޭގައި ހަނޑޫ އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމަށް ވީއިރު، ބާސްމަތީ ހަނޑުލުގެ ވިޔަފާރިކުރާ ހަމައެކަނި ދެ ގައުމަކީ އިންޑިއާ އާއި ޕާކިސްތާނެވެ.

އޭޝިޔާގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ބެލެވޭ އިންޑިއާ، ބާސްމަތީ ހަނޑުލުގެ ކޮޕީރައިޓްސް ހޯދުން ފަދަ ކުޑަ ކަމަކަށް އަވަށްޓެރި ޕާކިސްތާނާ ތަޅާފޮޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން ނެވެ. –-ދަ ސްޓްރެއިޓް ޓައިމްސް