ވޮޝިންޓަން (10 ޖޫން) - ބައިނަލްއަގްވާމީ މުޖުތަމައަށް އެހީވުމުގެ ގޮތުން އެމެރިކާގެ ސަރުކާރުން 500 މިލިއަން ޑޯޒްގެ ފައިޒާ ވެކްސިން ގަންނަން ނިންމައިފި އެވެ.

މި ނިންމުމުގެ ދަށުން ގަންނަ ވެކްސިން އިން 250 މިލިއަން މީހުންނަށް ވެކްސިން ފުރިހަމަ ކޮށްދެވޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މި ވެކްސިން ޝިޕްމަންޓްގެ ތެރެއިން މިއަހަރު 200 މިލިއަން ޑޯޒުގެ ވެކްސިން ދޫކުރުމަށް ހަމަޖެހިފައި ވާއިރު، އަނެއް 300 މިލިއަން ޑޯޒް ދޫކުރުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

އެމެރިކާއިން ވެކްސިން ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

މި ހުރިހާ ވެކްސިން އެއްވެސް ގައުމުތަކަށް ބަހާނީ ޑަބްލިއުއެޗްއޯގެ ކޮވެކްސް ޕްރޮގްރާމްގެ ދަށުން ކަމަށާއި މަދުން އަދި މެދުމިނުގެ އާމްދަނީ ލިބޭ 92 ގައުމަކަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޮވެކްސް އަކީ ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ހުރިހާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނަގާފައިވާ އިސްނެގުމެކެވެ.

އެމެރިކާގެ މިނިންމުން ރައީސް ބެއިޑަން އިއުލާން ކުރައްވާނެ ކަމަށް ބެލެވެނީ ޖީ ސެވަން ސަމިޓްގައި އެމަނިކުފާނު ދެއްވަވާ ތަގުރީރުގަ އެވެ.

ޖީ ސެވަކް ގައުމުތަކުގެ ލީޑަރުންނަށް ފޮނުވި ސިޓީއެއްގައި ކޮވެކްސް އިން ބުނެފައި ވަނީ އެ ޕްރޮގްރާމަށް ބޭނުންވާ ވަރަށް ވެކްސިން މިހާރު ވެސް މަދުވެފައިވާކަމަށާއި، އިތުރު އެހީއަށް ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން ކޮވެކްސް ޕްރޮގްރާމަށް ވެކްސިން ހަދިޔާ ކުރުމުގެ ބަދަލުގައި އެ ގައުމު ތަކުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށުމާއެކު މާހިރުންގެ ފާޑު ކިޔުން އެ ގައުމުތަކަށް ވަނީ އަމާޒުވެފަ އެވެ. – ސީބީއެސް ނިއުސް