ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ، އަނުޝްކާ ޝަރްމާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

މިއަހަރަކީ ޕަރިނީތީ ޗޯޕްރާއަށް ވަރަށް ވެސް ކާމިޔާބު އަހަރެކެވެ. މި އަހަރުގެ މެދާ ހަމައަކަށް އާދެވިފައިވާއިރު، ވިދި ވިދިގެން ޕަރިނީތީގެ ތިން ފިލްމެއް ވަނީ ރިލީޒްކޮށްފަ އެވެ. އަދި ހަމަ އެހެންމެ އެ ފިލްމުތަކުގައި ކުޅެފައިވާ ރޯލްތަކުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ޕަރިނީތީއަށް ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ.

ދާދި ފަހުން ޕަރިނީތީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް މިހާރު ގިނަ ބަޔަކު އިންސްޓަގްރާމްގައި ކުޅެމުންދާ އާސްކު މީ އެނީތިންގް ގޭމް ވަނީ ކުޅެފައިވެ އެވެ. މީގައި ޕަރިނީތީގެ ސަޕޯޓަރެއް އަނުޝްކާ ޝަރްމާއާ ގުޅޭގޮތުން އެއްޗެއް ބުނުމަށް އެދިފައިވުމުން ޕަރިނީތީ ވަނީ އެއަށް ޖަވާބުދީފަ އެވެ.

އެގޮތުން ޕަރިނީތީ ބުނެފައިވާ ގޮތުގައި އަނުޝްކާ ޝަރްމާގެ "ބޭންޑް ބާޖާ ބާރާތް"ގެ އިންޓަވިއުތަކާ ގުޅޭ މަސައްކަތްތަކާ ހަވާލުވެ ހުރީ އޭނާ ކަމަށެވެ. އެހިސާބުން ފެށިގެން އޭނާ އައީ އަނުޝްކާއަކީ ރޯލް މޮޑެލެއް ކަމަށް ދެކިގެން ކަމަށާއި އަނުޝްކާއަކީ ޕަރިނީތީގެ ލޭޑީ ކްރަޝް ކަމަށް ވެސް ޕަރިނީތީ ވަނީ ބުނެފަ އެވެ.

"ބޭންޑް ބާޖާ ބާރާތް" އަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ޕަރިނީތީ ވަނީ އޭނާގެ ފުރަތަމަ ފިލްމް "ލޭޑީސް ވާސަސް ރިއްކީ ބަލް" އިން އަނުޝްކާ ޝަރްމާއާއެކު ފެނިގެން ގޮސްފަ އެވެ.

ޕަރިނީތީ ބުނެފައިވާ ގޮތުގައި އަނުޝްކާގެ އެސިސްޓެންޓެއްގެ މަގާމުން ކޯ ސްޓާރަކަށް ބަދަލުވުމަކީ ވަރަށް ކޫލް ކަމެކެވެ.