ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމުގައި ހަރުދަނާ އުސޫލެއް އިންޑިއާގައި ކަނޑައަޅަން ޖެހޭކަމަށް ގުރުމީތު ޗޯދަރީ ބުނެފި އެވެ.

އިންޑިއަން ޓެލެވިޒަން އެކްޓަރު ގުރުމީތު އަންނަނީ މި ވަގުތު އިންޑިއާއަށް ކުރިމަތިވެގެން އުޅޭ ކޮވިޑްގެ ދެ ވަނަ ރާޅުން އަރައިގަތުމަށް އާންމު ރައްޔިތުންނަށް އެހީތެރިވަމުންނެވެ.

މިހާރު މަޑު މަޑުން އިންޑިއާގެ ހާލަތު ރަނގަޅުވަމުން އަންނައިރު، ގުރުމީތު ވަނީ އޭނާ އެކަމާ އުފާވާކަމަށާއި ނަމަވެސް މިކަމުން އަރައިގަތުމަށް އަދިވެސް ކަޑައްތު ކުރަންޖެހޭ ވަރަށް ދިގު ރާސްތާއެއް އެބައޮތް ކަމަށް ބުނެފައިވެ އެވެ. އޭނާގެ ފައުންޑޭޝަންގެ ޒަރީއާއިން ގުރުމީތު އަންނަނީ އާންމުންނަށް އެހީތެރިވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް މިއީ އެކަކު އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. އަދި އެންމެން ގުޅިގެން މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ގުރުމީތު ޗޯދަރީ ވަނީ ގޮވާލާފަ އެވެ.

މިހާރު އިންޑިޔާގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިހުރި ބައެއް ހަރުކަށި ފިޔަވަޅުތަކަށް ލުއި ދެމުން އަންނައިރު ގުރުމީތު ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށް ބުނެފަ އެވެ. ގުރުމީތު ދެކޭގޮތުގައި މުޅި އިންޑިޔާގައި ވެކްސިން ޖެހުމަށް މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ގާއިމުކުރަންޖެހެ އެވެ.

އިންޑިއާގެ ސަރުކާރުން މިކަމަކީ މުހިއްމުކަމެއް ކަމަށް ދެކޭއިރު، އަދިވެސް މިއީ ކުރުން މުހިއްމު ކަމެއް ކަމުގައި ނުދެކޭ ވަރަށް ގިނަ މީހުން އުޅޭ ކަމަށް ގުރުމީތު ބުންޏެވެ.