ޕޮޕް މިއުޒިކަކީ ޒުވާނުން ހަލާކުކުރަމުންދާ ކެންސަރެއް ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވެއްޖެ އެވެ.
ކިމް ވިދާޅުވި ގޮތުގައި ޕޮޕް މިއުޒިކުގެ ސަބަބުން ކޮރެއާގެ ސަގާފަތް ނެތިގެން ގޮސްފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެ ގައުމަށް ޔޫރަޕްގެ ވައްޓަފާޅިތައް އައިސްފައިވާ ކަމަށެވެ. ޕޮޕް މިއުޒިކަކީ ޒުވާނުންގެ ހަލާކު ކަމަށާއި އެއީ ކެންސަރު ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މިގޮތަށް ކިމް ވިދާޅުވެފައިވާއިރު، 2018 ވަނަ އަހަރު ނޯތް ކޮރެއާގެ ފަންނާނުން ބޭއްވި ޝޯއެއް ބެލުމަށް ފަހު އެ ފަންނާނުނަށް ތައުރީފު ވެސް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.
މިފަހަކަށް އައިސް ކިމް ވަނީ ވަރަށް ބޮޑެތި ފިޔަވަޅުތަކާއެކު ސައުތު ކޮރެއާގެ ފިލްމު އަދި މިއުޒިކް އަޑުއެހުމުގެ ފުރުސަތު ދީފަ އެވެ.
ނޯތު ކޮރެއާއަކީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް އެތައް ގާނޫނުތަކަކާއި ގަވައިދުތަކެއް ހަދައިގެން އުޅޭ ގައުމެކެވެ. އެގޮތުން އެ ގަައުމުގެ ގާނޫނު ބުނާގޮތުން ވަކި ގޮތަކަށް ފުނާ އެޅުމާ ކުލަ ޖެއްސުން ފަދަ ކަންތައް ކުރުން ވަނީ މަނާ ކޮށްފަ އެވެ. އަދި ހުއްދަ ދީފައި ވަނީ 215 ހެއާ ސްޓައިލްއަކަށެވެ. ފަޅައިގެންގޮސް ހުންނަ ޖީންސުން ފެށިގެން ނޭފަތާއި ތުންފަތާއި އަދި ކަންފަތް ތޮރުފުމަކީ ވެސް ނޯތު ކޮރެއާގައި މަނާކޮށްފައިވާ ކަންތައްތަކެވެ.