ޖެނީވާ (17 ޖޫން) - އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ޚާރިޖީ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ޖެނީވާގެ ދަ ލޭކްސައިޑް ވިލާ ލަ ގްރާންޖްގައި ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް އެއްބަސްވި ނަމަވެސް އެކި ކަންކަމުގައި ދެބަސްވެވުނުތައް ގިނަކަމަށް މާހިރުން ބުނެ އެވެ.
ބައްދަލުވުމަށްފަހު ދެ ބޭފުޅުން ވެސް ވަކިވަކިން ނޫސްވެރިންނާ ބައްދަލުކުރެއްވުމަކީ މި ކަމަށް ބާރުދޭ އެއްކަމެވެ. އެއާއެކު އާއްމުކޮށް މިފަދަ ބައްދަލުވުންތަކުގައި އޮންނަ ފަރީއްކުޅުއްވުން ވެސް ނެތްކަން ފާހަގަ ކޮށްލެވެ އެވެ.
އެންމެ ފުރަތަމަ ނޫސްވެރިންނާ ބައްދަލު ކުރެއްވި ޕުޓިން ވިދާޅުވީ ބައިޑަން އާއެކު ހަރުދަނާ މަޝްވަރާތަކެއްކުރެވުނު ކަމަށާއި ދެ ގައުމުން ވެސް އެއްގައުމު އަނެއް ގައުމުގެ ބޭނުންތައް ދެނެގަންނަން މަސައްކަތް ކުރާނެ ކަމަށެވެ.
އެމެރިކާ އާއި ރަޝިއާ އާ ދެމެދު އޮތް ގުޅުން ރަނގަޅުވާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށާއި ނަމަވެސް އުއްމީދު އެބަ އޮތް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
އޭގެ ފަހުން ބައިޑަން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސިޔާސަތުތަކަކީ ރަޝިއާއާ ދެކޮޅު ސިޔާސަތުތަކެއް ނޫން ކަމަށާއި ނަމަވެސް އެމެރިކާއަށް އެންމެ ފައިދާ ބޮޑު ސިޔާސަތުތަކެއް ކަމަށެވެ.
އެއާއެކު ބައިޑަން ވަނީ ސައިބާ ސެކިއުރިޓީގެ ކަންކަމުގެއި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާކަން ހާމަކޮށްފަ އެވެ.
މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ބައިޑަން ވިދާޅުވީ ޖަލަށް ލާފައިހުރި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި މަރުވެއްޖެނަމަ ރަޝިއާއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަން ހަނދާންކޮށްދެއްވި ކަމަށެވެ.
ދެ އަހަރުގެ ޖަލު ހުކުމެއްގައި ނަވަލްނީ ހުކުމް ތަންފީޒުކުރަމުން ދާއިރު، އޭނާއާ މެދު ޖަލުގައި ހިނގާ އަނިޔާވެރިކަން ހުޅަނގުގެ ގައުމުތަކުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
މި ބޭއްވުނު ބައްދަލުވުމަށް ވުރެ 2018 ވަނަ އަހަރު ޓްރަމްޕް އާއި ޕުޓިންގެ ބޭއްވުނު ބައްދަލުވުމަކީ މާ ކާމިޔާބު ބައްދަލުވުމެއް ކަމަށް މާހިރުން ދެކެ އެވެ. -–ދަ ސްޓްރެއިޓް ޓައިމްސް