ހއ. އުލިގަމުގައި ހޮޓަލަކާއި ޔޮޓްމެރީނާއެއް ހަދަން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ޔޮޓް މެރީނާއެކު ހޮޓެލް ހެދުމަށް ހަމަޖެހިފައި ވަނީ 36 ހެކްޓަރުގެ ބިމެއްގައި ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޔޮޓް ބަނދަރުކުރާ ރަށުގައި ހޮޓަލަކާއި މެރިނާއެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އުލިގަމުގައި ހޮޓަލާއި ޔޮޓްމެރީނާއެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 5ގެ 10:00 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ޑޮކިއުމަންޓް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އުލިގަމަކީ ބޭރު ގައުމުތަކުން އަންނަ ގޮތަށް، ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރުކުރާ ރަށުގައި ޔޮޓް ސާވިސް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ޔޮޓްތަކުން ކަސްޓަމްސް އަށް ނަގާ ފީގެ 75 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިދިޔަ މެއި މަހު ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެ ކުޑަ ޓޫރިސްޓު އުޅަނދުތަކުން ދައްކަން ޖެހޭ އިންވާޑް އަދި އައުޓްވާޑް ފީ ވަނީ 250ރ. އަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން ކޮންމެ ކޮޅަކަށް ނަގަމުން އައީ 1،000ރ. އެވެ. މި ބަދަލާ އެކު 15 މީޓަރަށް ވުރެ ބޮޑު އުޅަނދުތަކުން ދައްކަން ޖެހޭނީ 1،000ރ. އެވެ. އެއާއެކު އެ ރަށުގައި ބަނދަރުކުރާ ޔޮޓްގެ އަދަދު އިތުރުވެފައިވެ އެވެ.
ޓޫރިޒަމްގެ ފައިދާ ދިވެހި ގިނަ ރައްޔިތުންނަށް ހޯދައިދިނުމުގެ ނަމުގައި 2007 ގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ވެސް އެރަށުގައި ހޮޓެލެއް ހަދަން ފެށި އެވެ. ނަމަވެސް އެ ޕްރޮޖެކްޓު ވަކި ހިސާބަކުން ވަނީ ހުއްޓި އެތައް މިލިއަން ރުފިޔާއެއް ވަނީ ބޭކާރުވެފަ އެވެ. އެ މަސައްކަތް ހުއްޓާލިއިރު އެތަނުގެ ސްޓާފު އޭރިޔާގެ 80 ޕަސެންޓާއި ގެސްޓް އޭރިޔާގެ ބޮޑު ބަޔަކާއި އެތަނުގެ އެހެން ތަންތަން ނިންމުމަށް 4.5 މިލިއަން ޑޮލަރު އެ ކުންފުނިން ހަރަދުކޮށްފައިވެ އެވެ.
މިހެން މިކަން ވޭތޯބަލަން މިތިބެނީ،،،،