އިންޑިޔާގެ މަޝްހޫރު ފިލްމް މޭކަރު ކަރަން ޖޯހަރް އޭނާގެ ބައްޕަގެ ހަނދާނުގައި ޔަޝް ޖޯހަރް ފައުންޑޭޝަން އުފައްދައިފި އެވެ.

ކަރަން ބުނިގޮތުގައި މި ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ އިންޑިޔާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުންނަށް އެހީތެރިވުން ކަމަށެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ވެރިޔާ ކަރަން ޖޯހަރް އިތުރަށް ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް މި ފައުންޑޭޝަންގެ ފަރާތުން އެހީވެދޭނެ އެވެ.

މި ފައުންޑޭޝަންގެ މަގްސަދަކީ މާލީ ގޮތުންނާއި، ސިއްހީ އަދި ތައުލީމީ ގޮތުން އާންމުންނަށް އެހީތެރިވުމެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ބަޔަކަށް ވެސް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ. އެހެންވެ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކެއިންބުއިން، ބޭސް ފަރުވާ އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޔަޝް ޖޯހަރު ފައުންޑޭޝަންގެ ކޮވިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް ކަރަން ޖޯހަރު ވަނީ ބުނެފަ އެވެ.

ކަރަން ބުނެފައިވާ ގޮތުގައި މިއީ އޭނާގެ ބައްޕަ ނަމޫނާއެއް ގޮތުގައި ދެކިގެން މި ކަހަލަ މަގްސަދެއްގައި އެހީތެރިވުމުގެ ގޮތުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދިއާ މިރްޒާ، ތަނީޝާ މުކަރްޖީ، މަހީޕް ކަޕޫރު އަދި އިތުރު ފަންނާނުން ވަނީ ކަރަންގެ މި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.