ވޮޝިންޓަން (20 ޖޫން) - ޖޫން މަހުގެ 28 ވަނަ ދުވަހު އިޒްރޭލްގެ ރައީސް ރިއުވިން ރިވްލިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ރިވްލިންގެ މި ޒިޔާރަތުގައި އެމެރިކާ އާ އިޒްރޭލާ ދެމެދުގައި އޮތް ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވާނެ އެވެ. އަދި އެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރާނެ ގޮތްތަކާ މެދު ދެ ބޭފުޅުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ރިވްލިންގެ މި ދަތުރު ފުޅަކީ ހަތް އަހަރުގެ ދައުރަކަށް ފަހު އިޒުރޭލުގެ ވެރިކަމުން އަންނަ ޖުލައި މަހު ދުރުވުމުގެ ކުރިން ކުރައްވާ އެންމެ ފަހުގެ ދަތުރުފުޅަށް ވުން ގާތް ކަމަށް މާހިރުން ބުނެ އެވެ.
އާ ސަރުކާރާ އެކު އިޒްރޭލުގެ ވެރިކަމަށް އިންތިޚާބުވެވަޑައިގަތީ އިސާކް ހެރްޒޯގް އެވެ. މި އިންތިޚާބަކީ ބޮޑު ވަޒީރު ނަތަންޔާހޫގެ 12 އަހަރުގެ ދިގު ދައުރު ނިމުމަކަށް ގެނައި އިންތިޚާބެވެ.
ރިޔާސަތުން ދުރަށް ވަޑައިގަތުމުގެ ކުރިން ރިވްލިން އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމެރިކާ އާ އިޒުރޭލާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެ އެވެ. -- އަލް އަރަބިއްޔާ