އަކްޝޭ ކުމާރު "ދޫމް 4" ކުޅޭ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވުނަސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފި އެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގެ ވިލަންގެ ރޯލުން އަކްޝޭ ފެންނާނެ ކަމަށް ބުނާ ވާހަކައަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކައެކެވެ.

މީޑިއާތަކުގައި "ދޫމް 4" ގެ ވާހަކަތައް ދެކެވެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަކްޝޭގެ އިތުރުން އެ ފިލްމުގެ ވިލަންގެ ރޯލު ފެންނާނެ ކަމަށް އަޑުއަރާފައިވާ ތަރިންގެ ތެރޭގައި ޝާހްރުކް ޚާން، ރަންވީރު ސިންހް، ސަލްމާން އަދި "ބާހްބަލީ" ކުޅުނު ޕްރަބާސް ހިމެނެ އެވެ. އަދި މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު "ދޫމް 4" ގެ ވިލަން މި ފަހަރު ބަތަލާއަކާއެކު ގެނެސްދޭން ނިންމާފައިވާ ކަމަށާއި އެ ރޯލު ދީޕިކާ ޕަދްކޯންއަށް ވެސް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ސަލްމާން ޚާންގެ ފޭނުންތަކެއް ވެސް ދަނީ "ދޫމް 4" ގެ ވިލަންއަކީ ސަލްމާން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓަރެއް ހަދައިގެން ދައުރުކުރަމުންނެވެ. ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް އަދިތިޔާ ޗޯޕްރާގެ ވައިއާރްއެފުން ދައްކާފައިނުވެ އެވެ.