އޭޓީއެމްއަކުން 20 ޑޮލަރު ނަގަން ދިޔަ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އަންހެނެއްގެ އެކައުންޓަށް ކާކުކަން ނޭނގޭ މީހަކު އެއް ބިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އޭނާ ބުނެފި އެވެ.

ޖޫލިއާ ޔޯންކޯސްކީ ކިޔާ އެ މީހާގެ އެކައުންޓަށް އޮޅުމަކުން 999،985،855.94 ޑޮލަރު ޖަމާވެފައި ވާއިރު، އޭނާ ދަނީ އެ ފައިސާގެ އަސްލު ހައްގުވެރިންނަށް ފައިސާ ރައްދުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހައްގުނުވާ ފައިސާތަކެއް އެކައުންޓަށް ޖަމާކުރެވިފައިވާކަން އެނގުނު ހިސާބުން އޭނާގެ ބޭންކަށް ގުޅަން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ނާކާމިޔާބު ވެފައިވާ ކަމަށް ޖޫލިއާ ބުންޏެވެ.

ޖޫލިއާ އިތުރަށް ބުނީ އެކައުންޓަށް އެގޮތަށް ފައިސާ ޖަމާވެފައި ހުރުމަކީ ގިނަ ބަޔަކު އުފާވާނެ ކަމަކަށް ވިޔަސް އޭނާ އެކަމާ ކަންބޮޑުވީ ކަމަށެވެ.

ޖޫލިއާ ބުނިގޮތުގައި މިފަދަ ގިނަ ހާދިސާތަކެއްގެ ވާހަކަ އޭނާ އަޑު އަހާފައިވާ ކަމަށާއި އެގޮތަށް ޖަމާވި ފައިސާ ބޭނުންކޮށްގެން ފައިސާ އަލުން އަނބުރާ ދައްކަން ޖެހިފައިވާ ހާދިސާތައް ވެސް ފެންނަން ހުރި ކަމަށެވެ. އެހެން ކަމުން އެ ފައިސާގައި ނުޖެހޭނެ ކަމަށް ޖޫލިއާ ބުންޏެވެ.

ނޭނގި ހުއްޓާ ބިލިއަނަރަކަށްވި ޖޫލިއާ ވަނީ ލިބުނު ނަސީބަށްވުރެ ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް އެ ފައިސާގެ ހައްގުވެރިންނަށް އަނބުރާ ދޭނެ ކަމަށް ވައުދުވެފަ އެވެ.