ހެލްސިންކީ (22 ޖޫން) - ރަނގަޅު ދިރިއުޅުމުގެ ފެންވަރަކާއެކު ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެގޮތުގައި މަޝްހޫރުވެފައިވާ ފިންލޭންޑްގައި ވަޒަންވެރިވާނެ މީހުންނަށް އެ ގައުމުން ބޭނުން ޖެހިއްޖެ އެވެ.

ވަޒީފާ އަދާކުރާ މީހުންގެ އާބާދީ މަދުވުމާއެކު އިގްތިސާދު އަޑިގަނޑަކަށް ވެއްޓިދާނެކަމުގެ ބިރުހީވެފައިވާ ފިންލެންޑްގައި ވަޒަންވެރިވެ، ވަޒީފާ އަދާކުރާނެ މީހުން ހޯދަން ޖެހިފައިވާ ކަމަށް އެ ގައުމުގެ ރެކްރޫޓްމަންޓް އޭޖެންސީއަކުންވަނީ ބުނެފަ އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު، އުމުރުން ދުވަސްވީ އާބާދީއެއް އޮންނަ ފިންލެންޑްގެ ކޮންމެ 100 މީހަކުން 39.2 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެކަމުގެ ސަބަބުން ވަޒީފާއަދާކުރާ އާބާދީ މަދުވެ، އިގްތިސާދު ހިންގުމަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ފިންލެންޑްއަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ގައުމަކަށް ވީނަމަވެސް، އެ ގައުމުގައި ވަޒަންވެރިވާ ބޭރުގެ ގައުމުތަކުގެ މީހުންނަށް އިޖުތިމާއީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެ އެވެ. ސަބަބަކަށްވެފައި އޮންނަނީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި ބޭރު މީހުން ވަޒަންވެރިވުމާ ބެހޭގޮތުން އާލާ ވެފައިވާ ނުރަނގަޅު ފިކުރުތަކެވެ.

ފިންލެންޑުގައި ވަޒަންވެރިވެ، ވަޒީފާ އަދާކުރާ އެހެން ގައުމުތަކަށް ނިސްބަތްވާ ގިނަ މީހުން ބުނި ގޮތުގައި ފުރަތަމަ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެ ގައުމަކީ ދިރިއުޅެން ފަސޭހަ ގައުމެކެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް