ކޮވިޑްގެ ހަލާތު ގޯސްވާނަމަ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ 40 ޕަސެންޓް މުވައްޒަފުން ކޮވިޑަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ލިޔުމުން ޖަވާބު ހޯދަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގައި ނަސީމު ވިދާޅުވީ، އާންމު ފަރުވާއާއި ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި 2460 މުވައްޒަފުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވާނަމަ ހެލްތު ފޯސް 40 ޕަސެންޓް ކޮވިޑަށް ހާއްސަކޮށް އެހެން ފަރުވާތައް ޑައުންގްރޭޑް ކުރެވޭނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ކޮވިޑް ކޭސްތައް ފެތުރެމުން ދިޔަ ނަމަވެސް ރަށު ފެންވަރުގައި މެނޭޖްކުރެވޭ ކޭސްތައް އެ ރަށެއްގެ ކޭސް ވޯކަރުން ބޭނުންކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި އަދި ރަށު ފެންވަރުގަައި ފަރުވާ ނުދެވޭ ހާލަތުގައި ސަރަހައްދީ ކޮވިޑް ފެސިލިޓީ އަށް އަދި މާލެ ސަރަހައްދަށް ބަލި މީހާ ބަދަލުކުރަން އަންގާނެ ކަމަށް ވެސް ނަސީމު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮވިޑްގެ ހާލަތު މެނޭޖްކުރަން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 214، އައިޖީއެމްއެޗް ގައި 98 އަދި ހުޅުމާލެ ހޮސްޕިޓަލްގައި 262 ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު މެނޭޖްކުރުމަށް 226 އެނދު ހާއްސަކޮށްފައިވާ އިރު އަތޮޅުތަކުގައި ހުރި އައިސީޔޫ ތަކުގައި 13 ވެންޓިލޭޓަރާއި ހަތް ޕޯޓަބަލް ވެންޓިލޭޓަރާއި އަދި އެއް މޯބައިލް ވެންޓިލޭޓަރު އެބަހުއްޓެވެ. ހަމަ އެހެންމެ 5،700 އޮކްސިޖަން ފުޅި ވެސް އަތޮޅުތަކުގައި އެބަހުއްޓެވެ.