ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރްގެ ދަރިންގެ ތެރެއިން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ރިއާ ކަޕޫރްގެ ފިލްމެއްގައި ކޮއްކޮ ހަރަސްވަރުދަން ކަޕޫރް މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީގެ ކުރިން ރިއާ ކަޕޫރު ޕުރޮޑިއުސްކުރި ފިލްމެއް ކަމަށްވާ "ވީރެ ދި ވެޑިން" ގައި އޭނާގެ އަންހެން ކޮއްކޮ ސޯނަމް ކަޕޫރާއެކު ވަނީ މަސައްކަތްކޮށްފަ އެވެ.

މިފަހަރު ރިއާ ޕްރޮޑިއުސްކުރާ ހެއްވާ މަޖާ ލޯބީގެ ފިލުމުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ ފިރިހެން ކޮއްކޮ ހަރަސްވަރުދަން ކަޕޫރާ އެކުގަ އެވެ.

ބޮލީވުޑް ހަންގާމާއިން ބުނެފައި ވަނީ ރިއާގެ ލޯބީގެ ހެއްވާ މަޖާ މި ފިލްމްގައި ހަރަސްވަރުދުނާއެކު ބަތަލާގެ ރޯލުން ފެންނާނީ ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އިން ތައާރަފުވި އާލާޔާ ފަރްނީޗަރުވާލާ އެވެ.

ރިއާއަށް މި ފިލްމްގެ ވާހަކަ ކަމުގޮސްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

"މިރްޒްޔާ" އަދި ބާވޭޝްޖޯޝީ" ފެނިގެން ގޮސްފައިވާ ހަރަސްވަރުދަން އަކީ މިހާތަނަށް ކުޅުނު ފިލްމުތަކުގައި ސީރިއަސްބައި ކުޅެފައިވާ ފަންނާނަކަށްވާއިރު، މިފިލްމުން ހަރަސްވަރުދަންއަށް އިތުރު ތަޖުރިބާތަކެއް ލިބޭނެ ކަމަށް ރިއާ ވަނީ ބުނެފަ އެވެ.

ހަރަސް މި ފިލްމަކީ އާއިލާ ފިލުމެއް ކުޅޭ ފުރަތަމަ ފަހަރަށްވާއިރު، ސޯނަމް މީގެ ކުރިން ރިއާ ޕްރޮޑިއުސް ކުރި ހަތަރު ފިލްމެއް ވަނީ ކުޅެފަ އެވެ.

ހަރަސް ކުޅޭ ފިލްމްގެ ނަމެއް ފައިނަލް ކޮށްފައިނުވާއިރު، މިފިލްމް ޑައިރެކްޓްކުރާނެ ފަރާތެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.