ތެހެރާން (23 ޖޫން) - އެމެރިކާއިން އީރާނުގެ ދައުލަތް ހިއްސާވާ މީޑިއާތަކުގެ ވެބްސައިޓްތައް ބްލޮކްކުރުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގައި އެމެރިކާ އަލުން ބައިވެރިކުރުމަށް ކުރަމުން އަންނަ މަޝްވަރާތަކަށް އެޅުނު ހުރަހެއްކަމަށް އީރާނުން ބުނެފި އެވެ.

އެމެރިކާގެ އެ އަމަލު ކުށްވެރިކުރުމަށް އެޅެން ހުރި ހުރިހާ ގާނޫނީ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް އީރާނުގެ ރައީސް އޮފީހުގެ ޑިރެކްޓަރު މަހްމޫދު ވައޭޒީ ވިދާޅުވި އެވެ.

"ނިއުކްލިއާ މަޝްވަރާތައް ހިނގަމުން ދާއިރު މިއީ އެކަމަށް ހުރަސް އެޅުން ގާތް އަމަލެއް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ވަނީ އީރާނުގެ އިސްލާމީ ރޭޑިއޯ އަދި ޓީވީ ޗެނަލް ޔޫނިއަންއިން ހިންގާ 33 ވެބްސައިޓް ބްލޮކްކޮށްފަ އެވެ.

މީގެ އިތުރުން އީރާނުގެ ދައުލަތް ހިއްސާވާ ދެ މީޑިއާ ކަމަށްވާ ޕްރެސް ޓީވީ އާއި އަލް އާލަމް ވެސް ބްލޮކް ކޮށްފައިވާނެ ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެ އެވެ.

އެމެރިކާއިން އީރާނުގެ ވެބްސައިޓްތައް ބްލޮކް ކޮށްފައި ވަނީ އެ މީޑިއާ ތަކުން އީރާނުގެ ޕްރޮޕެގެންޑާ އާއި ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ އެވެ. -- އަލް ޖަޒީރާ