މާލެ ދަތުރުނުކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހދ. ކުޅުދުއްފުށި ހިމެނޭގޮތަށް އިއްޔެ މޮނިޓަރިންއަށް ލާފައިވާ އިތުރު ފަސް ރަށެއްގެ މޮނިިޓަރިންގެ ހާލަތު މިއަދު އުވާލައިފި އެވެ.

ކުޅުދުއްފުށީގެ އިތުރުން ދެން މޮނިޓަރިންއަށް ލި ރަށްތަކަކީ ހދ. ކުރިނބީ އާއި ހއ. ބާރަށާއި ހޯރަފުއްޓާއި ދިއްދު އާއި ށ. ފުނަދު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށްތައް މޮނިޓަރިންގެ ހާލަތުން ނެގީ ކޮންޓެކްޓް ޓްރޭސިން ނިމުމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެރަށުން ޕޮޒިޓިވްވީ ފުލުހެކެވެ. އޭނާ އަކީ މާލެ ގޮސްފައިނުވާ މީހެކެވެ.

މީގެކުރިން ވެސް ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ނެގެސް އެ ހާލަތު ނިމުމަކަށް ގެނެސްފައިވެ އެވެ.

ދާދިފަހުން ވަނީ ގދ. ހޯޑެއްދޫ ވެސް ގިނަ ދުވަސްތަކެއް ވަންދެން މޮނިޓަރިންގެ ހާލަތުގައި ބާއްވައިފަ އެވެ. އެ ރަށުން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނުނެވެ. ނަމަވެސް މިހާރު ވަނީ އެރަށުގައި އޮތް ކޮވިޑްގެ ބިރުވެރިކަން ނިމުމަކަށް ގެނެސްފަ އެވެ.