ކޭޕް ޓައުން (27 ޖޫން) - ސައުތު އެފްރިކާގެ އަންހެނުންނަށް އެއްފަހަރާ ހަތަރު ފިރިހެނުންނާ ކައިވެނިކުރުން ހުއްދަކުރާ އިސްލާލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅައިފި އެވެ.

މި އިސްލާހާއެކު އެ ގައުމުގެ ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި، އެކަމާ ބެހޭގޮތުން ހުރި ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މި އިސްލާހަކީ އެފްރިކާގެ ސަގާފަތް ގެއްލުވާލާނެ އިސްލާހެކެވެ.

މި އިސްލާހު ތަންފީޒުކޮށްފި ނަމަ ދަރިންގެ ނަސްލު އޮޅޭނެ ކަމަށާއި މުޖުތަމައުގައި ދެ ޖިންސުގެ ދައުރު މަސްހުނިވެގެން ދިއުމަކީ އެފަދަ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އެއްޖިންސުން ކައިވެނިކުރުމާއި ފިރިހެނުން ހަތަރު އަނބިން ގެންގުޅުމަކީ ސައުތު އެފްރިކާގެ ގާނޫނުގެ ދަށުން ހުއްދަ ކުރެވިގެން އެ ގައުމުގައި ކުރާ ކަންކަމެވެ. އެ ގައުމަކީ މުޅި ދުނިޔޭގައި ވެސް މިފަދަ ކަންކަމުގައި އެންމެ ބޮޑަށް ދޫދީފައި އޮތް އެއް ގައުމެވެ.

ގާނޫނުން ހުއްދަ ކުރެވިފައި ނެތް ނަމަވެސް ސައުތު އެފްރިކާގެ އަންހެނުން އެއްފަހަރާ އެކަކަށް ވުރެ ގިނަ ފިރިހެނުންނާ ކައިވެނިކުރުމަކީ މަދުން ނަމަވެސް އެ ގައުމުގައި މިހާރު ވެސް ކުރަމުން އަންނަ ކަމެއް ކަމަށް އެ ގައުމުގައި ހެދި ދިރާސާއަކުން ދައްކަ އެވެ.

މިކަމަކީ ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާތީ މިކަންކަން އާއްމު ގޮތެއްގައި ކުރެވެނީ ސިއްރިއްޔާތުގައި މުޖްތަމައަށް ނާންގަ އެވެ. -- ބީބީސީ