އެމެރިކާގެ ރެސްޓޯރެންޓަކުން ޚިދުމަތް ހޯދި ކަސްޓަމަރަކު، ޓިޕްގެ ގޮތުގައި 16،000 ޑޮލަރު އެ ރެސްޓޯރަންޓްގެ ވެއިޓަރަކަށް ހަދިޔާކޮށްފި އެވެ.

ދެ ހޮޓްޑޯގާއި ޗިޕްސް ކޮޅެއްގެ އިތުރުން ބިއަރު ފުޅިއެއް ގަތް އެ ކަސްޓަމަރުގެ ބިލަށް އަރާފައި ވަނީ 37 ޑޮލަރެވެ. އެހެންކަމުން އެވަރުގެ ޓިޕެއް ލިބިދާނެކަމަށް މުވައްޒަފުން ތިބީ އުއްމީދު ކޮށްގެނެއް ނޫނެވެ.

ޓިޕް ހަދިޔާ ކުރުމަށްފަހު ރެސްޓޯރެންޓުން ދިއުމުގެ ކުރިން އެ ފައިސާ އެއްފަހަރާ ޚަރަދު ނުކުރުމަށް ކާކުކަން ނޭނގޭ ގޮތަށް އެހީވެދިން އެ ކަސްޓަމަރު ވަނީ ބުނެފަ އެވެ.

ކަސްޓަމަރުގެ ޗެކަށް ފައިސާ ލިބުމުން އެ ރެސްޓޯރެންޓްގެ ވެރިޔާ ވަނީ އެ ކަސްޓަމަރާ ބައްދަލުކޮށް އެއީ އޮޅިގެން ދެވިފައިވާ އަދަދެއް ނަމަ ފައިސާ އަނބުރާ ދޭން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ. ނަމަވެސް ކަސްޓަމަރު ވަނީ އެކަމަށް އިންކާރުކޮށް އެއީ އޭނާގެ ފަރާތުން ދިން ހަދިޔާއެއް ކަމަށް ބުނެފަ އެވެ.

ޓިޕްގެ ފައިސާ ލިބުނު މުވައްޒަފު ވަނީ އޭނާ އެކަނި އެ ފައިސާއާ ހަވާލުވުމުގެ ބަދަލުގައި އެ ޝިފްޓުގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުންގެ މައްޗަށް އެ ފައިސާ ބަހާލުމަށް ނިންމާފަ އެވެ. ބަދިގޭގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 12 މުވައްޒަފުން އެ ޝިފްޓްގައި މަސައްކަތްކުރި އެވެ.

އެކަނިވެރި މައިން ވެސް ހިމެނޭ މުވައްޒަފުންގެ ތެރެއިން ގިނަ މީހުން ވަނީ އެ ފައިސާ ހޭދަކުރާނީ ހޫނު މޫސުމުގެ ޗުއްޓީއަށް ކަމަށް ބުނެފަ އެވެ.

އެ ހާދިސާގެ ފަހުން އެ ރެސްޓޯރެންޓަށް އާއްމުކޮށް އަންނަ އެ ކަސްޓަމަރަށް ރެސްޓޯރެންޓްގެ ވެރިޔާ ވަނީ ހާއްސަ ޝުކުރެއްއަދާކޮށް، އޭނާގެ ދީލަތިކަން ފާހަގަކޮށްފަ އެވެ.