އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި މަސައްކަތް ކުރައްވާ ވައިޓް ހައުސްގެ އެޑްވައިޒާ ސްޓެފަން މިލާ ކޮވިޑަށް ޕޮޒިޓިވްވުމާއެކު ވައިޓް ހައުސް ތެރޭގައި ވައިރަހުގެ ބޮޑު ކްލަސްޓާއެއްއ އޮތް ކަމަށް ބެލެވެން ފަށައިފި އެވެ.

މިލާގެ އިތުރުން އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ޓްރަމްޕާއި ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާނު ކުރެއްވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން ފާއިތުވެދިޔަ ދުވަސްތަކުގައި މިލާވެސް ހުންނެވީ ކަރަންޓީނުވެ ވަޑައިގެންނެވެ. އޭގެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ހާމަ ކުރެއްވީ އަންގާރަ ދުވަހުގަ އެވެ.

އެމެރިކާގެ ކޯސްޓް ގާޑް އޮފިޝަލެއް ކަމަށްވާ ޗާލްސް ރޭ ވެސް ޕޮޒިޓިވްވުމާ ގުޅިގެން ޓޮޕް ޖެނެރަލެއް ކަމަށްވާ މާކް މައިލީއާއި އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކެއް ވަނީ ކަރަންޓީނުވެ ވަޑައިގެންފަ އެވެ.

މިލާ ވިދާޅުވި ގޮތުގައި އޭނާ ކަރަންޓީނުގައި ހުންނެވި ދުވަސްތަކުގައި ކޮންމެ ދުވަހަކު ވެސް ކޮވިޑަށް ޓެސްޓް ކުރަމުން އައި އިރުވެސް ނަތީޖާ ނެގެޓިވްވަމުން އައި ނަމަވެސް އަންގާރަ ދުވަހު ކުރި ޓެސްޓުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިލާގެ އަންހެނުން އަދި ނައިބު ރައީސްގެ ތަރުޖަމާނު ކޭޓީ މިލާ ވަނީ މިދިޔަ މޭ މަހު ކޮވިޑަށް ޕޮޒިޓިވްވުމަށް ފަހު މިހާރު އެބަލިން ރަނގަޅު ވެފަ އެވެ.

ޖުލައި މަހުގެ ތެރޭގައި މިލާގެ މާމަ، އުމުރުން 97 އަހަރުގެ ރޫތް ގްލޮސާ ނިޔާވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް ވައިޓް ހައުސްއިން ވަނީ އެކަން ދޮގުކޮށް ގްލޮސާ ނިޔާވީ "މުސްކުޅި ބަލީގައި" ކަމަށް ބުނެފަ އެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުމަށް ފަހު އަރިހުގައި މަސައްކަތް ކުރެއްވި ވައިޓް ހައުސްގެ އިސް މުޝީރެއް ކަމަށްވާ ހޯޕް ހައިކްސް އާއި ގާނޫނު ހަދާ މަޖިލީހާއި ވައިޓްހައުސްގެ ޕްރެސް އޮފީހުގެ ގިނަ ބޭފުޅުންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިވްވެފަ އެވެ.

މީގެ އިތުރުން ވައިޓްހައުސްގެ ރޯސް ގާޑެންގައި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އެއްވުމެއްގައި ބައިވެރިވި ގިނަ މީހުން ޕޮޒިޓިވްވެ މިއީ ކޮވިޑުގެ ބޮޑު ކްލަސްޓާއެއް ކަމަށް ވަނީ ބެލެވެން ފަށާފަ އެވެ.