ވޮޝިންޓަން (28 ޖޫން) - ސީރިއާ އާއި އިރާގު ގުޅޭ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ، އީރާނުން ވާގިދޭ ހަނގުރާމަވެރި ޖަމާއަތްތަކުން ބޭނުންކުރާ އީމާރާތްތަކަށް ވައިގެ ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަމުރު ކުރައްވައިފި އެވެ.
ބައިޑަން މި އަމުރު ކުރައްވާފައި ވަނީ އެ އިމާރާތްތަކަކީ އެމެރިކާ އާއި ދެކޮޅު ސިޔާސަތުތައް ރާވައި، އެ ރޭވުންތަކަށް އަމަލީ މަސައްކަތްކުރުމަށް ބޭސްއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތްތަކަކަށް ވާތީ ކަމަށް އެމެރިކާގެ ޕެންޓެގަންއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އީރާނާއި ސީރިޔާ ގުޅޭ ބޯޑަރުގައި ހަރަކާތްތެރިވާ އެމެރިކާގެ ފަރާތްތަކަށް އީރާނުން ވާގިދޭ ހަނގުރާމަވެރިން ހަމަލާތަކެއް ދެމުން އަންނަ މި ދަނޑިވަޅުގައި އެމެރިކާގެ ރައްކާތެރިކަމަށް މަސައްކަތް ކުރާނެކަމަށް ރައީސް ބައިޑަން ވަނީ ޔަގީންކޮށް ދެއްވާފަ އެވެ.
ބައިޑަންގެ އަމުރުފުޅަށް ދިން މި ހަމަލާތަކުގައި ހަތަރު ހަނގުރާމަވެރިއަކު މަރުވެފައިވާއިރު، އިތުރު ހަނގުރާމަވެރިންނަށް އަނިޔާވެފައި ވާ ކަމަށް އިރާގުގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޝީއާ ގުރޫޕެއް ކަމަށްވާ ހިޒުބުﷲ އިން ބުނެފައި ވަނީ އެމެރިކާގެ އެ ހަމަލާތަކަށް ރައްދުދޭނެ ކަމަށެވެ.
އެ ޖަމާއަތުގެ ތަރުޖަމާނަކު ބުނީ މިހަމަލާތަކުގެ ރައްދު ނުދީ ނުވާނެ ކަމަށާއި އެމެރިކާގެ އަމަލުތަކަކީ ސަރަހައްދީ ސުލްހަ މަސަލަސްކަން ނަގާލުމަށް ހިންގާ އަމަލުތަކެއް ކަމަށެވެ.
މީގެ ކުރިން ވެސް ބައިޑަންގެ ރިޔާސަތުގައި މި ސަރަހައްދުގައި ގިނަ ހަމަލާތަކެއް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދީފަ އެވެ. -- ސީއެންއެން