މި ދުވަސްވަރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ގިނަ ބައެއްގެ މަސައްކަތްތަކަށް ވަނީ ބުރޫ އަރާފަ އެވެ.

ހާއްސަ ގޮތެއްގައި ބޮލީވުޑްގެ ފަންނާނުންނަށް ދަނީ މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. ގިނަ ފިލްމްތަކެއްގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައި އެވެ. ނަމަވެސް މިހާރު މަޑުމަޑުން އިންޑިއާގެ ހާލަތު ރަނގަޅުވަމުން އަންނާތީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިހުރި ބައެއް ހަރުކަށި ފިޔަވަޅުތަކަށް އަންނަނީ ލުއި ދެމުންނެވެ. އެ ގޮތުން ފިލްމީ ދާއިރާގެ މަސައްކަތްތައް ކުރުމަށް ވެސް ވަކި ހާއްސަ ހުއްދައެއްގެ ދަށުން އަންނަނީ ފުރުސަތު ދެމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރަށް މިވަނީ މައްމޫޓީގެ މަލަޔާޅަމް ޕޮލިޓިކަލް ޑްރާމާ "ވަން"ގެ ހިންދީ ރިމޭކް ހެދުމުގެ ހުއްދަ ލިބިފަ އެވެ.

މިވަގުތު ބޮނީ ކަޕޫރު އަންނަނީ އަޖޭ ދޭވްގަން އާއެކު އޭނާގެ ފިލްމު "މައިދާން"ގެ މަސައްކަތްތައް ކުރަމުންނެވެ.

"މައިދާން"ގެ މަސައްކަތްތައް ނިމުމުން 2019 ވަނަ އަހަރު ނުކުތް މަލަޔާޅަމް ފިލްމު "ހެލެން"ގެ ހިންދީ ރިމޭކް ހެދުމުގެ މަސައްކަތް ބޮނީ ކަޕޫރު ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެ އެވެ.

"ހެލެން" ގެ ލީޑް ރޯލް އިން ފެނިގެންދާނީ ބޮނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރުކަން ވެސް ވަނީ ހާމަކޮށްފަ އެވެ.

"ވަން"ގެ ހިންދީ ރިމޭކް އާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބޮނީ ކަޕޫރު ބުނެފައި ވަނީ އެ ފިލްމަށް އެކަށޭނަ އެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަން" ގެ އޮރިޖިނަލް ފިލްމުން ފެނިފައި ވަނީ ޗީފް މިނިސްޓަރެއްގެ ސިޔާސި ޒިންމާތަކެކެވެ. މައްމޫޓީ މި ފިލްމުން ފެނިފައި ވަނީ ކެރެލާގެ ޗީފް މިނިސްޓަރުގެ ރޯލުންނެވެ.