މިދިޔަ އަހަރަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް މި ދުނަޔެއާ ވަކިވެގެން ދިޔަ އަހަރެކެވެ.

މަޝްހޫރު ފިލްމީތަރި އިރުފާން ޚާން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަކިވެގެންދިޔައިރު، އޭނާގެ ދަރިފުޅު ބާބިލް ޚާން ވެސް ބޮލީވުޑަށް އަންނަނީ އެވެ. ބާބިލް ވަނީ އިންސްޓަގްރާމްގައި އެކްޓިން ކެރިއަރު ފެށުމަށް ކިޔެވުން ހުއްޓާލައި އޭނާ ކިޔަވަމުން ދިޔަ ޔުނިވަސިޓީ އޮފް ވެސްޓްމިނިސްޓައިން ވަކިވުމަށްފަހު ބޮލީވުޑްގައި މަސައްކަތްކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އިނގިރޭސިވިލާތުގައި އުޅޭ ރައްޓެހިން މަތިން ވަރަށް ބޮޑަށް ހަދާންވާ ކަމަށާއި މުމްބާއީގައި ތިބީ އޭނާގެ ދެ ތިން ރަހުމަތްތެރިން ކަމަށެވެ. ލިބުނު ލޯތްބައި އެކުވެރިކަމަށް ޝުކުރު އަދާކުރަމުން ޕޯސްޓު ނިންމާ ލައިފައިވެ އެވެ.

ބާބިލް ބޮލީވުޑަށް ތައާރަފްވެގެންދާ ފިލްމު "ގަލާ"ގައި އޭނާ ފެނިގެންދާނީ ޓްރިޕްޓީ ޑިމްރީއާއެކު އެވެ. ނެޓްފްލިކުސްގެ މި ފިލްމު އަންވިތާ ދަތު ޑައިރެކްޓްކުރިއިރު، ޕްރޮޑިއުސްކޮށްފައި ވަނީ އަނުޝްކާ ޝަރުމާ އެވެ.

ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ޝޫޖިތް ސަރުކާރު ޑައިރެކްޓްކޮށް ރޯނީ ލެހެރީ ޕްރޮޑިއުސްކުރާ ފިލްމެއްގައި ދެވަނަ ޕްރޮޖެކްޓެއްގޮތުގައި ސޮއިކޮށްފައިވާ ކަން ބާބިލް ވަނީ އާދިއްތަ ދުވަހު އިއުލާން ކޮށްފަ އެވެ.