ޝިލްޕާ ޝެޓީ އާއި ޕަރޭޝް ރާވަލް ފެނިގެންދާ "ހަންގާމާ 2" ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ޖުލައި 23ގައި ރިލީޒްކުރަން ހަމަޖައްސާފައިވާކަން އިއުލާން ކޮށްފި އެވެ.

މިކަން އިއުލާންކޮށް، ޝިލްޕާ ޝެޓީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ހިއްސާކޮށްފަ އެވެ.

"ހަންގާމާ 2"އަކީ 2003 ވަނަ އަހަރު ނިކުތް ކޮމެޑީ ޑްރާމާ "ހަންގާމާ" ގެ ސީކުއެލް އެކެވެ.

ޕްރިޔާ ދަރްޝަން ޑައިރެކްޓްކޮށް ނެރޭ މި ފިލްމުގައި ޝިލްޕާ ޝެޓީ އާއި ޕަރޭޝް ރާވަލްގެ އިތުރުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ޕްރަނިތާ ސުބާޝް، ރާޖްޕާލް ޔާދަވް، އަޝުތޯޝް ރާނާ ހިމެނެ އެވެ.

https://www.instagram.com/p/CQu_62wL4aN/?utm_medium=copy_link

"ހަންގާމާ 2" ކުރިން ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ތިއޭޓަރުގަ އެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ފިލްމުގެ އުފެއްދުންތެރިން ނިންމީ ފިލްމު ޑިޖިޓަލް ރިލީޒްއެއް ކުރުމަށެވެ.

"ހަންގާމާ 2" އަކީ ހުރިހާ އުމުރުފުރާއަކަށް ވެސް އެކަށީގެންވާ ހެއްވާ މަޖާ ފިލްމެއް ކަމަށާއި މި ކަހަލަ ހާސްކަން ބޮޑު ދުވަސްވަރެއްގައި އާންމުންގެ މުނިފޫހިފިލުވާލަން މިއީ އެންމެ އެކަށޭނަ ފިލްމުކަން ފިލްމުގެ ޕްރޮޑަކްޝަން އިން ބުނެ އެވެ.