ކޮވިޑަށް ވޭތުވެދިޔަ 24 ގަޑިއިރު ޓެސްޓްކުރި 1،123 މީހުންގެ ތެރެއިން 35 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަށް ޕޮޒިޓިވްވި 35 މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 5 ބިދޭސީންނެވެ. މީގެ ތެރެއިން 32 މީހަކު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި ތިން މީހަކު ޕޮޒިޓިވްވެފައި ވަނީ އެހެން ރަށްތަކުންނެވެ.

މި ބައްޔަށް އިއްޔެ ޕޮޒިޓިވްވެފައި ވަނީ 54 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،656 އަށް އަރައިފަ އެވެ. މިވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،068 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރޭޓާ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި 19 ރިސޯޓަކުން ކޮވިޑްގެ އެކްޓިވް ކޭސްތައް ފެނިފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 10 ޓޫރިސްޓަކާއި 15 މުވައްޒަފެއް ހިމެނެ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 81 މީހުންނެވެ. އެއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9،547 އަށް އިތުރުވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 63 މީހަކު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި ހަތް ބިދޭސީންނެވެ.