ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19ގެ ޕީސީއާރު ޓެސްޓް ހަދައިދޭ އަދަދު އިތުރުކޮށް، އެ ޚިދުމަތަށް ނަގާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ މަތީ ފެންވަރުގެ ހޮސްޕިޓަލުން ބުނީ ރާއްޖޭގައި ގިނަ އަދަދަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާ މި ދަނޑިވަޅުގައި، އައު ޕީސީއާރު މެޝިނެއް ވެސް އެ ހޮސްޕިޓަލުން ގެނެސްފައިވާ ވާކަމަށެވެ. އަދި އެއާއެކު ޓެސްޓް ކުރެވޭ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރު ޓެސްޓުގެ އަގުތައް:

  • ދިވެހިންނަށާއި ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް 1،399ރ. އަށް
  • ޓޫރިސްޓުންނަށް 1499ރ. އަށް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިފަހަރު ގެނައި ބަދަލާއެކު ސާމްޕަލް ނެގުމަށްފަހު 24 ގަޑިއިރުތެރޭ އަދި ލަސްވެގެން 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބޭނެ ކަމަށެވެ. އަދި ޕީސީއާރު ނަތީޖާ އާޖެންޓުކޮށް ބޭނުންވާ މީހުންނަށް ނަތީޖާ އަވަސްކުރުމުގެ ގޮތުން ޕްރީމިއަމް ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހެއްދުމުގެ ޚިދުމަތް އައުޓް-ޕޭޝަންޓް (އޯޕީޑީ) އަދި އިން-ޕޭޝަންޓް (އައިޕީޑީ) އަދި ޓްރެވަލް ސެޓްފިކޭޝަން އަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން މީގެ ކުރިން ވެސް އަންނަނީ ޓޫރިސްޓުންނަށް ޕީސީއާރު ޓެސްޓް ހަދައިދެމުންނެވެ. އަދި ކޮވިޑް-19ގެ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ވެސް އެ ހޮސްޕިޓަލް މީގެ ކުރިން ބޭނުން ކުރި އެވެ.

މާލެ ސަރަހައްދުގައި އައިޖީއެމްއެޗް އާއި އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުން ވެސް ޕީސީއާރު ޓެސްޓް ހަދައިދެ އެވެ.