ޔޫއެސް ފުޑް އެންޑް ޑްރަގް (އެފްޑީއޭ)ގެ ބެލެނިވެރިކަމުގެ ދަށުން، އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ކޮވިޑް-19ގެ ވެކްސިނަށް ހުއްދަ ނުދެވޭނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މިއީ އާއްމު ސިއްހަތަށް ރަނގަޅުވާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެޖެންސީގެ ގައިޑެންސް ޑޮކިއުމެންޓެއްގައިވާ ގޮތުން އިމަޖެންސީ ބޭނުމަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ބޭސް އުފައްދާ ކުންފުނިތަކަށް ދެވޭނީ ޓެސްޓު ބޭނުމަށް ވެކްސިން ދެވޭ މީހުން ދެ މަސް ދުވަހަށް މޮނިޓާ ކުރުމަށް ފަހުގަ އެވެ. މީގެ މާނައަކީ ކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވި ގޮތަށް އެއްވެސް ބަޔަކަށް އިންތިހާބުގެ ކުރިން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ނުލިބޭނެ އެވެ. އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގަ އެވެ.

އެފްޑީއޭގެ ޕޮލިސީ އާ މެދު ހިތްހަމަ ނުޖެހިގެން ޓްރަމްޕް ވަނީ ޓުވީޓް ކުރައްވާފަ އެވެ. އަދި މި އުސޫލުގެ ސަބަބުން އަވަހަށް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތް ލަސްވެގެންދާނެ ކަމަށާއި މިއީ ސިޔާސީ ގޮތުން ކޮށްފައި އޮތް ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭބީސީއާ ވާހަކަދައްކަވަމުން ވައިޓްހައުސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެފްޑީއޭގެ އުސޫލު ބްލޮކް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ އެވެ.