އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރުމަށް ނިންމާފައިވާ ސްޓިމިއުލަސް ލޯން ސްކީމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެސްޑީއެފްސީގެ ސްޓިމިޔުލަސް ސްކީމަކީ، ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބުނު މާލީ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ސްކީމެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ގުޅިގެން އެސްޑީއެފްސީން ކުރިއަށްގެންދާ ސްޓިމިއުލަސް ލޯން ސްކީމުގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސަންޓް އިންޓަރެސްޓް ރޭޓުގަ އެވެ.
ދެ ބޭންކުން ގުޅިގެން ކުރިއަށް ގެންދާ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯން ދޫކުރާނެ އެވެ. އެ ލޯނު ދައްކަން ޖެހެނީ ހަތަރު އަހަރުންނެވެ.
ކުދި އަދި މެދު ފަންތީ ނުވަތަ އެސްއެމްއީ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާ އެ ލޯންގައި އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ގްރޭސް ޕީރިއަޑެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެސްޑީއެފްސީގެ ލޯން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ވެބްސައިޓުުގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ.