އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ކޮވިޑް-19 ޖެހުމަކީ "ބަރަކާތެއް" ގޮތުގައި ސިފަކޮށް، އޭނާއަށް ދެވުނު ހުރިހާ ފަރުވާތަކެއް ކުރިއަށް އޮތްތާ އާންމުނަށް ހިލޭ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ޓުވިޓާގައި އާންމުކުރައްވާފައިވާ ވީޑިއޯއެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި ކޮވިޑަށް ފަރުވާ ކުރުމަށްޓަކައި ރީޖެނެރޯން ކިޔާ ބޭހެއް ދިން ކަމަށާއި އެ ބޭސް ނެގުމުން ރަނގަޅުވި ކަން އިހުސާސް ކުރެވުނު ކަމަށެވެ.

ވައިޓްހައުސްގެ އޯވަލް އޮފީހުގެ ބޭރުގައި ނަގާފައިވާ މި ވީޑިއޯގައި ޓްރަމްޕް ވިދާޅުވީ "އާރްއީޖީއެން-ކޮވް2" ނަމަކަށް ކިޔާ އެ ބޭހަކީ ކޮވިޑަށް ފަރުވާއެއް ކަމަށެވެ.

"އަހަރެންނަށް ދިން ބޭސް އެންމެނަށް ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިދޭނަން،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ އެ ބޭސް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނީ އަސްކަރިއްޔާއިން ކަމަށާއި މި ވައިރަސް ފެތުރުމުގެ ޒިންމާ ޗައިނާއިން ނަގަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް މި މޭރުމުން ވާހަރަ ދެއްކެވުމުން އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ބަލި ޖެހިގެން އެމެރިކާއިން މިހާތަނަށް 210،000 މީހުން މަރުވެފައިވާ އިރުވެސް، މިއީ މާ ބޮޑު ކަމަކަށް ޓްރަމްޕް ނަހައްދަވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމަޕަށް މި ދެވުނު އެންޓިބޮޑީ ބޭހަކީ މިހާތަނަށް ކޮވިޑް-19 އަށް އުފެއްދި އެންމެ އުންމީދީ ބޭސްކަމަށް ވަނީ ބެލެވިފަ އެވެ. މި ބޭސް އުފައްދާ ކުންފުނި ކަމަށްވާ ރީޖެނެރޯން ފާމަސޫޓިކަލްސް އިން ބުނިގޮތުގައި ޓްރަމްގެ ފިޒިޝިއަންގެ އެދުމުގެ މަތިން ޓްރަމްޕަށް ދެވިފައިވަނީ މި ބޭހުގެ އެންމެ ޑޯޒެއް ކަމަށާއި އެ ޑޯޒް ދެވިފައިވަނީ އައިވީއަކުން ކަމަށެވެ.

މި ބޭސް މިހާރު ވަނީ ޓެސްޓް ކުރުމުގެ އެންމެ ފަހު މަރުހަލާގަ އެވެ.